ޚަބަރު

ބީލަމުގެ މައްސަލަތައް ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމެޓީއެއް


ބީލަމުގެ މައްސަލަ ތަކުގައި ހުށައަޅާ ޝަކުވާތައް އަލުން ބަލާނެ ކޮމެޓީއެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފިއެވެ.

5 މެމްބަރުން ހިމެނޭ ގޮތަށް "ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ" ގެ ނަމުގައި އެކުލަވާލި މި ކޮމެޓީގައި ހިމެނެނީ
ފިނޭންސް މިނިސްޓްރީގެ 3 މެމްބަރަކާއި އެޓާރނީ ޖެނެރަލް އޮފީހުގެ ފަރާތުން 2 މެމްބަރެކެވެ.

މި ކޮމެޓީގެ މައިގަނޑު މަސްޢޫލިއްޔަތަކީ ބީލަމުގެ އިދާރީ ކަމެއް ހިނގައިދިޔަ ގޮތާމެދު ހުށަހެޅޭ ޝަކުވާއަކަށް އެ އޮފީހަކުން ބަލައި ނިންމި ގޮތާމެދު ހިތްހަމަނުޖެހިއްޖެ ހާލަތްތަކުގައި، އެ މައްސަލައެއް އަލުން ބަލައިދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅިއްޖެނަމަ، އެ މައްސަލަ އެއް އަލުން ބެލުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ސަރުކާރު ބަންދުނޫން 14 ދުވަހުގެ ތެރޭގައި ނިންމާ އެ މައްސަލައެއް ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންޖެހެއެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވީ މި ކޮމެޓީގެ ސަބަބުން ދައުލަތުގެ އޮފީސްތަކުން ކުރިއަށް
ގެންދާ ބީލަންތަކުގެ މަސައްކަތް ހަރުދަނާކުރެވި، ރައްޔިތުންގެ އިތުބާރު އައު ކުރެވިގެންދާނެކަމަށެވެ.

" މި ކޮމެޓީގެ މައިގަނޑު މަގްސަދަކީ ބީލަމުގެ މަސައްކަތުގެ މަރުހަލާތައް ހަރުދަނާކުރެވި، ރައްޔިތުންގެ އިތުބާރު އެ މަސައްކަތަށް އަލުން އަނބުރާ ހޯދުން. އުއްމީދު ކުރަނީ މި ކޮމެޓީގެ ސަބަބުން އެކަންތައްތައް ހާސިލުވެގެންދާނެ ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މާލިއްޔަތު ޤަވާއިދުގައި "ބީލަމުގެ މައްސަ ލަބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ" އޮންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މީ މި ކޮމެޓީ އެކުލަވާލި ފުރަތަމަ ފަހަރުއެވެ.