ޚަބަރު

މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީ އަވަހާރަވެއްޖެ


މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީ އަވަހާރަވެއްޖެކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓުކޮށްފިއެވެ.

ޢުމުރުން 67 އަހަރުގެ މުރްސީ އަވަހާރަވެފައިވަނީ، ޝަރީޢަތުގެ އަޑުއެހުމެއްގައި ކޯޓުގައި ހުންނަވަނިކޮށް އަނބުރައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާދެމުންދަނިކޮށް ކަމަށް ދައުލަތުގެ މީޑީޔާއިން ރިޕޯޓުކޮށްފައިވެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހުންނެވި ފަރާތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވަނީ، މުރްސީ ވެއްޓިވަޑައިގަތީ، ފަނޑިޔާރުގެ ކުރިފުޅުމަތީ ވާހަކަދައްކަވަން ހުންނަވަނިކޮށްކަމަށެވެ. އަދި ހަމަ ވަގުތުން އެމަނިކުފާނު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވަށް އޭނާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

2012 އަހަރުގެ ޢަރަބި ރަބީޢުގައި ރައީސް ޙުސްނީ މުބާރަކްގެ 30 އަހަރުވީ ވެރިކަން ވެއްޓުމަށްފަހު، މިޞްރުގައި ޑިމޮކްރަޓިކް އުޞޫލުގެ ދަށުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ރައީސަކީ މުޙައްމަދު މުރްސީއެވެ. އެހެންނަމަވެސް ހަތަރު އަހަރުގެ ވެރިކަމުގެ ދައުރުން އެއް އަހަރު ފުރިހަމަ ކުރެއްވުނުތަނާ އެ ޤައުމަށް ގެނައި އަސްކަރީ އިންޤިލާބެއްގައި އެމަނިކުފާނު ވެރިކަމުން ދުރުކުރެވުނެވެ. އަދި އެއަށްފަހު، އެ މަނިކުފާނު ނިސްބަތްވެވަޑައިގެންނެވި މުސްލިމް ބްރަދަހުޑް ނުވަތަ އިޚްވާނުލް މުސްލިމީން ޖަމާޢަތަކީ ޤާނޫނާ ޚިލާފު ޖަމާޢަތެއްކަމަށް، އެ ޤައުމުގެ އައު ސަރުކާރުން ކަނޑައެޅިއެވެ.

މުރްސީ ހައްޔަރުކުރެއްވުމަށްފަހު، އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތަފާތު ދަޢުވާތަކުގެ ހަ ޝަރީޢަތެއް ކޯޓުތަކުގައި މިހާރުވެސް ތާވަލުކުރެވިފައިވެއެވެ. އަދި މުރްސީ އަވަހާރަވީއިރު ވަނީ ވިހި އަހަރުގެ ޖަލު ޙުކުމެއްގެ، ހަ އަހަރުދުވަސް، ޖަލުބަންދުގައި ހޭދަކުރައްވާފައެވެ.

މުރްސީގެ މަރާ ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ، މުރްސީއަކީ ޝަހީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.