ވިޔަފާރި

އޭޑީބީން ރާއްޖެއަށް 11 މިލިއަން ޑޮލަރު


ރާއްޖޭގެ ބަނދަރުތަކުން މުދާ އެތެރެކޮށް، ބޭރުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމްކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީން ރާއްޖެއަށް 11 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

ބަނދަރުތަކުގައި ޤާއިމްކުރާ މި އިލެކްޓްރޯނިކް ޕްލެޓްފޯމް ނިޒާމުގެ ސަބަބުން މުދާ ކްލިއަރކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް، އަވަހަށް މުދާ ކްލިއަރކުރުމަށް ފަސޭޙަވެގެންދާނެކަމަށް އޭޑީބީން ބުނެއެވެ. އަދި މުދާ ގެންނަ ފަރާތްތަކުން މުދާ ކްލިއަރކުރުމަށް ކުރާ ހޭދަވެސް މި ނިޒާމު ޤާއިމްކުރުމުން ކުޑަވެގެންދާނެކަމަށް އޭޑީބީން ބުނެއެވެ.

އޭޑީބީން ފާހަގަކުރާ ގޮތުގައި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ އެހެން ޖަޒީރާ އިޤްތިޞާދުތައް ފަދައިން ކާނާއާއި، ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަމާއި އަދި ރާއްޖޭގެ އުފެއްދުންތައް އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރާ ޤައުމެއްކަންވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމުގެ މަސައްކަތަށް ނިޒާމު އޮތް ގޮތުން ބޮޑު ހޭދައެއްކުރަންޖެހޭކަން އޭޑީބީން ފާހަގަކުރެއެވެ. އެގޮތުން ކޮންމެ އެކްސްޕޯޓް ޓްރާންސެކްޝަންގެ ޑޮކިއުމެންޓް ކޮމްޕްލަޔަންސްއަށް 300 ޑޮލަރު ހޭދަވާއިރު މިއީ އޭޝިޔާ ސަރަޙައްދުގައިވެސް ނިސްބަތުން ބޮޑު އަދަދެއްކަން އޭޑީބީން ފާހަގަކުރެއެވެ. އަދި ކޮންމެ އިމްޕޯޓް ޓްރާންސެކްޝަންގެ ޑޮކިއުމެންޓް ކޮމްޕްލަޔަންސްއަށް 180 ޑޮލަރު އަރާއިރު، ސިންގަޕޫރުގައި މިއަދަދު ހުރީ 40 ޑޮލަރުގައިކަމަށް އޭޑީބީން ބުނެއެވެ.

އޭޑީބީން ފާހަގަކުރާގޮތުގައި ރާއްޖޭގެ ބައެއް ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދައްޗަކީ މުދާ ކްލިއަރިކުރުމަށް ގިނަ ދުވަސް ނެގުންކަމަށެވެ. އެކަމުގެ ސަބަބުން އިޤްތިޞާދަށްވެސް އަސަރުތަކެއްކުރާކަން އޭޑީބީން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ބަނދަރުތަކުން މުދާ އެތެރެކޮށް، ބޭރުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމްކުރުމަށް 11.99 މިލިއަން ޑޮލަރު ހޭދަވާއިރު، އޭގެ ތެރެއިން 1.99 މިލިއަން ޑޮލަރު ދޭނީ ދިވެހި ސަރުކާރުންނެވެ. އޭޑީބީން ދޭ އެހީގައި ހިމެނެނީ 5 މިލިއަން ޑޮލަރުގެ ހިލޭ އެހީއަކާއި، 5 މިލިއަން ޑޮލަރުގެ ލޯނު އެހީއަކާއި ޓެކްނިކަލް އެހީގެ ގޮތުގައި 1 މިލިއަން ޑޮލަރެވެ.