ކުޅިވަރު

ޗެލްސީ ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބަދަލުވާން ސާރީ ނިންމައިފި


ޗެލްސީ ދޫކޮށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މައުރީޒިއޯ ސާރީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން ނިންމައިފި އެވެ. ސާރީ ކްލަބް ދޫކޮށްލައި ޔުވެންޓަސްއާ ހަވާލުވާން ނިންމާފައިވާކަން ޗެލްސީން ވަނީ ޔަގީންކޮށްދީފައެވެ.

ދެ ކްލަބުގެ ސީނިއާ އޮފިޝަލުންގެ ދެމެދުގައި މިދިޔަ ހަފްތާ ވީ އެއްބަސްވުމުގައި ސާރީ ޗެލްސީ ދޫކޮށްލާއިރު ކޮމްޕެންސޭޝަން ފީއެއްގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ޗެލްސީއަށް ދޭގޮތަށް ވަނީ އެއްބަސްވެފަ އެވެ. ސާރީ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައިދީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި ލީގު ކަޕްގެ ފައިނަލަށް ވެސް ޗެލްސީ ވަނީ ގެންގޮސްދީފަ އެވެ.

ޔުވެންޓަސްގެ ކޯޗުގެ މަގާމް ހުސްވީ މިދިޔަ ސީޒަނަށް ފަހު އެޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ކްލަބް ދޫކޮށްލުމުންނެވެ. ޔުވެންޓަސް ގައި ހޭދަކުރި ފަސް ސީޒަނުގައި އެލެގްރީ ވަނީ އެ ކްލަބަށް ފަސް ލީގު ތަށި ހޯދައިދީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ކުޅެފަ އެވެ.

ސާރީ ޔުވެންޓަސްއާ ހަވާލުވާއިރު އޭނާއަށް އޮންނާނެ އެންމެ ބޮޑު ޓާގެޓަކީ އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމެވެ.