ޚަބަރު

ޑރ.ފަރުޒާނާ އަވަހާރަވެއްޖެ


ރާއްޖޭގެ ސިއްހީ ދާއިރާއަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޑރ. ފަރުޒާނާ ޚާތޫން އަވަހާރަވެއްޖެއެވެ.
ޑރ.ފަރުޒާނާ އަވަހަރަވީ އިނގިރޭސި ވިލާތުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބެއެވެ.

ޕާކިސްތާނަށް އުފަން ޑރ.ފަރުޒާނާ ރާއްޖޭގައި ވަޒީފާ އަދާކުރެއްވީ ތެލެސީމިއާ ސެންޓަރުގައެވެ. މީގެ ހައެއްކަ އަހަރު ކުރިން ރިޓަޔާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާއިން މެޑިސިންގެ މަޤާމުގައެވެ.

ޑރ. ފަރުޒާނާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 30 އަހަރު ވުމާ ގުޅިގެން 2002ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 31 ވަނަ ދުވަހު ވަނީ ޕެންޝަން ވެސް ލިބިވަޑައިގެންފައެވެ.

ރާއްޖޭގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު ޑރ. ފަރުޒާނާ ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސި ވިލާތުގައެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވައެވެ.

ޑރ.ފަރުޒާނާއަކީ ހިތްހެޔޮ ބަލިމީހުންނަށް އަޅާލާ، ކުޑަކުދިންނަށް އޯގާތެރި ތަފާތު ކުރުމެއްނެތި ޚިދުމަތްދޭ ޑޮކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފަހަގަކުރާ ޑޮކްޓަރެކެވެ.

ޑރ.ފަރުޒާނާގެ ފިރިކަލުން ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރ، ޑރ. ވަހީދު އަވަހާރަވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އެ ދެ ބޭފުޅުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.