ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ ބާއްވައިފި


ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

އުނިމާ ގްރޭންޑް ހޮޓެލްގައި ބޭއްވި މި ޖަލްސާގައި ގެސްޓްހައުސް އެސޯސިއޭޝަން އުފެދުނު ފަހުން އެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ ހަރަކާތްތަކާއި ކުރިއަށްއޮތް ތަނުގައި ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އެކި ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ޖަލްސާގައި ގެސްޓްހައުސް އެސޯސިއޭޝަން ބޯޑަށް އިތުރު މެމްބަރުން އައްޔަންކުރިނަމަވެސް ޖަމިއްޔާގެ ބޯޑަށް މާބޮޑު ބަދަލުތަކެއް ނާންނަކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ. އެގޮތުން މިއަހަރުވެސް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްއަކަށް ހުންނަވާނީ މިދިޔަ އަހަރުވެސް އެޖަމިއްޔާގެ ރައީސަކަށް ހުންނެވި އަހްމަދު ކަރަމްއެވެ. ނައިބު ރައީސްއަކަށް ހުންނަވާނީ އަހުމަދު އަމްޖަދު އަދި މޫސާ ނާސިހްއެވެ. މި ބޭފުޅުންނާއިއެކު ގެސްޓްހައުސް އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުގައި 12 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ޖަލްސާ ނިންމަވާލެއްވުމަށްފަހު މީޑިއާއާއި ވާހަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ގެސްޓްހައުސް ދާއިރާއަށް އެއްވެސް ސަރުކާރަކުން އަޅާލެވިފައި ނުވިނަމަވެސް މަދުބަޔަކު ނުކުމެ ކުރި މަސައްކަތްތަކެއްގެ ސަބަބުން މިހާރު ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެ ގިނަ ފުރުސަތުތަކެއް އުފެދިގެން ގޮސްފިކަމަށެވެ.

ސަރުކާރުން ފަތުރިވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެސްޓްހައުސް ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ ވާހަކަދައްކަވަމުން ކަރަމް ވިދާޅުވީ ސަރުކާރުން ތަޢާރްފްކޮށްފައިވާ އެސްއެމްއީ ބޭންކުގެ އެހީގައި މިދާއިރާއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ކުރިއަށްއޮތްތަނުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް އެކި ފެންވަރުގައި މަސައްކަތްކުރެވިގެންދާނެކަމަށެވެ. އެގޮތުން ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރަޖިސްޓްރީކޮށް ރަސްމީކޮށް މަސައްކަތްތައް ފަށާފައިވަނި 2014 ވަނަ އަހަު މާފުށީގައެވެ.