ވިޔަފާރި

ވާވޭގެ ފަތްޖަހާލެވޭ ފޯނު ބާޒާރަށް ނެރުން ފަސްކޮށްފި


މަޝްހޫރު ވާވޭ ކުންފުނިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދިޔަ ފަތްޖަހާލެވޭ ފޯނު ބާޒާރަށް ނެރުން ފަސްކޮށްފިއެވެ.

ވާވޭއިން ތަރައްޤީކުރި ފަތްޖަހާލެވޭ ފޯނު، ނުވަތަ މޭޓް އެކްސް ފުރަތަމަ ލޯންޗުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. އަދި ވާވޭއިން ނިންމާފައި އޮތީ މިމަހުގެ ތެރޭގައި އެ ފޯނު ބާޒާރަށް ނެރުމަށެވެ. ނަމަވެސް ވާވޭގެ އޮފިޝަލަކު ވިދާޅުވީ ބައެއް ސަބަބުތަކާހުރެ މޭޓް އެކްސް ފޯނު ބާޒާރަށް ނެރުން ސެޕްޓެމްބަރުމަހަށް ފަސްކޮށްފައިވާކަމަށެވެ.

ވާވޭގެ އޮފިޝަލަކު ވިދާޅުވީ އެހެން ބައެއް ކުންފުނިތަކުން ތަރައްޤީކުރި ފަތްޖަހާލެވޭ ފޯނުތަކަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިތުރު ޓެސްޓުތައް ހަދަން ވާވޭއިން ނިންމާފައިވާކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ބެލުންތައް ނުބަލާ ފޯނު ބާޒާރަށް ނެރެގެން ދިމާވާ މައްސަލަތަކުން ވާވޭ ކުންފުންޏަށް ގެއްލުމެއް ލިބެން ބޭނުންނުވާކަމަށް ވާވޭގެ އޮފިޝަލުން ބުނެއެވެ.

ވާވޭއިން ތަރައްޤީކުރި ފަތްޖަހާލެވޭ ފޯނު ބާޒާރަށް ނެރޭ ތާރީޚު ފަސްކޮށްފައިވާއިރު، މި ފޯނު ވިއްކުމަށް ނިންމާފައިވަނީ 2600 ޑޮލަރު ނުވަތަ ސާޅީސް ހާސް ރުފިޔާއަށެވެ.

ވާވޭގެ އިތުރުން ސެމްސަންގުންވެސް ވަނީ "ގެލެކްސީ ފޯލްޑް"ގެ ނަމުގައި ފަތްޖަހާލެވޭ ފޯނެއް މިދިޔަ ފެބްރުއަރީމަހު ދައްކާލާފައެވެ. ނަމަވެސް އެފޯނުގައި މައްސަލަތަކެއް ހުރުމުން ސެމްސަންގުން ވަނީ ފޯނު ބާޒާރަށް ނެރުން ލަސްކޮށްފައެވެ. ގެލެކްސީ ފޯލްޑް ބާޒާރަށް ނެރޭނެ ދުވަހެއް ޔަޤީންނުވާއިރު، އެފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ 1980 ޑޮލަރު ނުވަތަ ތިރީސް ހާސް ފަސް ސަތޭކަ ރުފިޔާއަށެވެ.

ވާވޭއާއި ސެމްސަންގެ އިތުރުންވެސް، ސްމާޓް އުފައްދާ އެހެން ބައެއް ކުންފުނިތަކުންވެސް ދަނީ ފަތްޖަހާލެވޭ ފޯނު އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް މިހާތަށް އެއްވެސް ފޯނެއް ބާޒާރަށް ނެރެފައެއްނުވެއެވެ.