ވިޔަފާރި

އެމެރިކާއިން އެތެރެކުރާ 29 ބާވަތަކުން ނަގާ ޑިއުޓީ ބޮޑުކުރަން އިންޑިއާއިން ނިންމައިފި


އެމެރިކާއިން އިންޑިއާއަށް އެތެރެކުރާ 29 ބާވަތެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް އިންޑިއާއިން ނިންމާފައިވަނީ، އެމެރިކާއިން އިންޑިއާއަށް ދީފައިވާ ބައެއް ވިޔަފާރީގެ ޢިނާޔަތްތައް ކަނޑާލުމާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުންނެވެ.

އެމެރިކާއިން އިންޑިއާއަށް ދީފައިވާ އިނާޔަތުގެ ދަށުން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ތެރެއިން 5.6 ބިލިއަން ޑޮލަރުގެ މުދަލުން އިމްޕޯޓް ޑިއުޓީއެއް ނުނަގައެވެ. ނަމަވެސް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ސަރުކާރުން ވަނީ އިންޑިއާއަށް ދީފައިވާ އިނާޔަތް ކަނޑާލާފައެވެ.

އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމަށް އިންޑިއާގެ ސަރުކާރުގައި މަޝްވަރާކުރާތާ އަހަރެއްހާ ދުވަސްވެފައިވާއިރު، މިހާތަނަށް މިފިޔަވަޅު ނާޅާ އޮތީ އެމެރިކާއާއި އިންޑިއާއާދެމެދު ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކާ ގުޅިގެނެވެ.

އެމެރިކާއިން އިންޑިއާއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި އާފަލާއި، އަލްމަންޑާއި ވޯލްނަޓް ހިމެނޭގޮތަށް 29 ބާވަތެއް ހިމެނެއެވެ. މިގޮތުން އެމެރިކާއިން އެންމެ ގިނައިން އަލްމަންޑް އެކްސްޕޯޓްކުރާ ޤައުމަކީ އިންޑިއާއަށްވާއިރު، އަހަރެއްގެ މައްޗަށް 543 މިލިއަން ޑޮލަރުގެ އަލްމަންޑް އިންޑިއާއަށް އެކްސްޕޯޓްކުރެއެވެ. މިއީ ގާތްގަނޑަކަށް އެމެރިކާއިން އެކްސްޕޯޓްކުރާ އަލްމަންޑްގެ ދެބައި ކުޅަ އެއްބައެވެ. އަދި އިންޑިއާއަކީ އެމެރިކާއިން ދެވަނައަށް އެންމެ ގިނަ އާފަލު އެކްސްޕޯޓްކުރާ ޤައުމެވެ. މިދިޔަ އަހަރުވެސް 156 މިލިއަން ޑޮލަރުގެ އާފަލު އެމެރިކާއިން އިންޑިއާއަށް އެކްސްޕޯޓްކުރިއެވެ.

އެހެންކަމުން އެމެރިކާއިން އެތެރެކުރާ މިތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން، އިންޑިއާގައި މިތަކެތީގެ އަގު އުފުލި، މީހުންގެ މެދުގައި އެތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަވެގެންދާނެއެވެ. އެއީ އެހެން ޤައުމުތަކުން އެތެރެކުރާ އާފަލާއި އަލްމަންޑް އެއަށްވުރެ އަގުހެޔޮކޮށް ލިބެން ހުންނާނެތީއެވެ.

އިންޑިއާއާ އެމެރިކާގެ ވިޔަފާރީގެ ގުޅުން ގޯސްވެފައިވާއިރު، މި ދެޤައުމަކީ ސިޔާސީ ގޮތުންނާއި ސަލަމާތީ ގޮތުން ގާތް ގުޅުންތަކެއް ބާއްވާ ދެ ޤައުމެވެ. ނަމަވެސް ވިޔަފާރީގެ ގުޅުން ގޯސްވީ، އީ-ކޯމާސްގެ ސިނާޢަތާ ގުޅޭގޮތުން އިންޑިއާގައި ތަންފީޒުކުރަން ފެށި ޤަވާއިދުތަކުންނެވެ. އެމެރިކާއިން ބުނާގޮތުން ވޯލްމާޓް، އެމެޒޯންފަދަ އެމެރިކާގެ ކުންފުނިތަކަށް މިގަވާއިދުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާނެއެވެ. އަނެއްކޮޅުން އިންޑިއާއިން ހިތްހަމަނުޖެހުނީ އެމެރިކާއަށް އެތެރެކުރާ ދަަގަނޑާއި އެލްމިނިއަމްއިން ނަގާ ޑިއުޓީ ބޮޑުކުރުމަށް އެމެރިކާއިން ނިންމުމުންނެވެ.

އިންޑިއާއާއި އެމެރިކާގެ ވިޔަފާރީގެ ގުޅުން ގޯސްވެފައިވާއިރު، މިމަހުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަމަށް ޚަބަރުތައް ބުނެއެވެ. މިދަތުރުފުޅުގައި ވިޔަފާރީގެ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަދި އެއަށްފަހު މިމަހުގެ ފަހުކޮޅު ޖަޕާނުގައި އޮންނަ ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވާނެކަމަށް ބެލެވޭކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އިންޑިއާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރަމުންދާއިރު، މިދިޔަ އަހަރުވެސް މި ދެ ޤައުމުގެ މެދުގައި ހިނގި ވިޔަފާރީގެ މުޢާމަލާތްތަކުގެ އަގު 142.1 ބިލިއަން ޑޮލަރަށް އަރައެވެ.