ޚަބަރު

ސަރުކާރުގެ ދުވެލި މަޑެއް ނުވޭ، ސްޕީޑު ރަނގަޅު - މިނިސްޓަރ މަޚްލޫފް


ސަރުކާރުގެ ދުވެލި މަޑު ނުވާކަމަށާއި ވަޢުދުވީކަންކަން އެކަށީގެންވާ ސްޕީޑުގައި ކުރިއަށްދާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ކުރައްވަން ވިދާޅުވިކަންކަމުގެ 93 އިންސައްތަ ވަޢުދުތައް މިހާރު ފުއްދަވާފައިވާކަމަށެވެ. ދެން ހުރި ވަޢުދުތަކަކީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި ކޮށްދެއްވަން ވިދާޅުވި ކަންކަތައްތައްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ގެންދަވަނީ އެކަންކަން ތަންފީޒުކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރައްވަމުންކަމަށެވެ. އެހެންކަމުން ސަރުކާރުގެ ދުވެލި މަޑު ނުވާކަމަށާއި ކުރިއަށްދަނީ ރަނގަޅު ސްޕީޑެއްގައިކަމަށް މިނިސްޓަރ ވިދަޅުވިއެވެ.

މިނިސްޓަރ މަޙްލޫފް މިހެން ޓުވީޓު ކޮށްފައިވާއިރު ރައިސް އޮފީހުގެ ސްޕޯކްސް ޕަރސަން އިބްރާހީމް ހޫދުވެސް މިއަދު ވިދާޅުވީ ސަރުކާރުގެ ސްޕީޑު ލަސް ނޫންކަމަށެވެ. އަދި ކުރީގެ އެއްވެސް ސަރުކާރެއްގައިވެސް ފުރަތަމަ 6 މަސްދުވަހު ބޮޑެތި މަޝްރޫޢުތައް ނުފެށޭކަން ފާހަގަކޮށްފައެވެ.