ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން އެޖަމިއްޔާގެ ސެކެރަޓަރީ ޖެނެރަލަށް އަރުވައިފިއެވެ.
މި ލިޔުންތައް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލްގެ ޕެޓްރީޝިއާ ސްކޮޓްލެންޑްގެ އަތްޕުޅަށް އަރުވާފައިވަނީ އެކަމަނާ އާއި އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ އެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
2016 ވަނަ އަހަރުގެ އޮކްޓޫބަރު 13 ވަނަދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެވަކިވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ޙަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހުގެތެރޭގައި ކުރައްވާނެކަމެއްގެ ގޮތުގައި ހިމަނުއްވައިގެން ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމެވީ 19 ނޮވެންބަރު 2018 ގައެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން، ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޖަމްއިއްޔާއަށް މީގެ ކުރިން ހުށަހަޅުއްވާފައެވެ.