ޚަބަރު

ރާއްޖޭގެ "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިން ރާއްޖެއިން ބޭރަށް


އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ"ގެ ތަޖްރިބާ، ޔޫއެންޑީޕީގެ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ޢާއްމު ބައްދަލުވުމުގައި ޙިއްސާކޮށްފިއެވެ.

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ބައްދަލުވުމުގައި، ރާއްޖޭގެ "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިންގެ ތަޖުރިބާ ޙިއްސާކުރުމުގެ ފުރުޞަތު ލިބިފައިވަނީ، ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގައި ބައިވެރިވަފެވައިވާ ދުނިޔޭގެ އެތަށް ޤައުމެއްގެ ތެރެއިން ހޮވާލި، 9ޤައުމުގެ ތެރޭގައި ރާއްޖޭގެ އެމް.އޭ.ސީ.ސީ.އެސް ހިމެނިގެންނެވެ.

އެމެރިކާގެ ވޮޝިންގޓަންގައި ކުރިއަށްގާ މި ބައްދަލުވުމުގައި ރާއްޖެއިން ބޮޑަށް އަލި އަޅުވާލާފައިވަނީ ޕްލާސްޓިކަކީ ދެމެހެއްތެނިވި ފައިދާއެއް ލިބޭ އެއްޗަކަށް ހެދުމާއި، އެއްފަހަރު ބޭނުންކުރާ ޕްލާސްޓީކްގެ ބަދަލުގައި ގިނަ ފަހަރު ބޭނުންކުރެވޭ ތަކެތި ބޭނުންކުރުމަށް ބާރުއެޅުމާ ގުޅޭގޮތުންނެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ، އެކި ޤައުމުތަކުގައި ޕްލާސްޓިކް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް އެހެން ޤައުމުތަކާ ޙިއްސާކޮށް، މިކަމުގައި އެހީތެރިކަން ދިނުމެވެ. ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ އެމްއޭސީސީއެސްގެ ޗެއަރޕަރސަން އާމިނަތު އަބްދުﷲއެވެ. އާމިނަތު އަބްދުﷲވަނީ "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިންގެ ދަށުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި މިކަމަށް މީހުން ހޭލުންތެރިކުރުމަށް ހުރި ގޮންޖެހުންތަކާއި ކެމްޕެއިނަށް އެހީ ހޯދަމުން އަންނަގޮތާއި، އެކި ކަހަލަ އެހީތެރިކަން ލިބެމުން އަންނަ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައެވެ. މި ބައްދަލުވުން ކުރިއަށްދަނީ މިމަހުގެ 10ވަނަ ދުވަހުން ފަށައިގެން 13ވަނަ ދުވަހަށެވެ.

"ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިން ރާއްޖޭގައި ފަށާފައިވަނީ މިދިޔަ އަހަހރުގެ ޖޫން މަހުއެވެ. މި ކެޕްއިންގެ ދަށުން މިހާރުވެސްވަނީ ޮޕްލާސްޓިކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.