ޚަބަރު

މަތީ ތަޢުލީމުގެ ލޯނަށް އެދުމަށް އަލުން ހުޅުވާލައިފި


މަތީ ތަޢުލީމަށް ކިޔެވުމަށް ރާއްޖެއިން ބޭރަށްދާން ބޭނުންވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ބަލާ އުސޫލު މުރާޖައާކޮށް އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން މިފަހަރު ފުރުޞަތު ހުޅުވާލާފައިވަނީ ސަރުކާރުން ކުރިން ހުޅުވާލި 242 ފުރުސަތުގެ ތެރެއިން، ހަމަނުވެއިން 163 ޖާގައަށެވެ.

ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި 242 ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލުމުން 993 ފަރާތަކުން ފޯމް ހުށަހަޅާފައިވެއެވެ. ނަމަވެސް ގިނަ ފޯމްތަކެއްގައި މައްސަަލަ ހުރުމާ ގުޅިގެން ލޯނަށް ޝަރުތުހަމަވީ 79 ފަރާތެކެވެ. އެހެންކަމުން ބާކީ ހުރި 163 ޖާގައަށް ކުރިމަތިލުމަށް ހަޔަރ އެޑިއުކޭޝަނުން އަނެއްކާވެސް މިވަނީ ލޯނަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ.

އެމްބީބީއެސްއަށް ކިޔެވުމާއި، ޕައިލެޓްކަން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ލޯނަށް ކުރިމަތިލެވޭނެ ފުރުޞަތު މިފަހަރުވަނީ ހުޅުވާލާފައެވެ. ލޯނަށް އެދި ހުށައެޅޭނީ އުމުރުން 16އަހަރު ފުރިފައިވާ މީހުންނަށެވެ.

ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވާ ކޯހުގެ ޚަރަދާއި، ކިޔަވާ ދުވަސްވަރު ދިރިއުޅުމުގެ ޚަރަދާއި، ފޮތް ގަތުމާއި، ވިސާ ފީއާއި އަދި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޓިކެޓާއި، ހެލްތް އިންޝުއަރެންސްވެސް ލިބޭނެއެވެ.

ސްޓޫޑެންޓް ލޯންގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މި ލޯނު މެދުވެރިކޮށް ރާއްޖެއިން ބޭރުން ކޮންމެ ޤައުމެއްގައިވެސް ކިޔެވޭނެއެވެ. ނަމަވެސް ލޯނުގެ 100 އިންސައްތަ ސަރުކާރުން ކަވަރ ކުރާނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ވަކި ޤައުމުތަކަކުން ކިޔަވާނަމައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ ދަރިވަރަކު ބޭނުން ޤައުމަކުން ކިޔަވާނަމަ، ލޯނު ދޫކުރާނީ ކަނޑައެޅިފައިވާ ވަކި އިންސައްތައަކަށެވެ.

ޕައިލެޓް ލައިސަންސާއި، އެމްބީބީއެސް އާއި ސްކިލް ޝޯޓޭޖާއި ވޮކޭޝަނަލް އޭރިއާ ހިމެނޭހެން 431 ދާއިރާއަކުން ކިޔަވުމަށްއެދި ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން 25،000 ރުފިޔާއިން ފެށިގެން 2 މިލިއަން 5 ލައްކަ ރުފިޔާއާ ދެމެދުގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ލޯނުގެ ކުޑަބޮޑު މިނަށްބަލައި، ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތާއި، ޚިދުމަތް ކުރަންޖެހޭ މުއްދަތުވެސް ތަފާތެވެ. ކިޔަވައި ނިންމުމަށްފަހު 7 މަހުުގެ ތެރޭގައި ލޯނު އަނބުރާ އަދާކުރަން ފަށަންޖެހެއެވެ. ސަރުކާރުންވަނީ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓުވެސް ދައްކޮށްފައެވެ. އެގޮތުން މިހާރު އޮންނަ އުސޫލުގެދަށުން ލޯނު އަނބުރާ ދައްކާއިރު އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހެނީ ލޯނުގެ ޖުމްލަ ފައިސާގެ 3 އިންސައްތައެވެ.

ލޯނަށް އެދި އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 24ވަނަ ދުވަހެވެ. މިނިސްޓްރީއިން ބުނެފައިވަނީ މިމަހުގެ 21ގެ ކުރިން ހުށައަޅާ ފޯމްތަކުގައި މައްސަލައެއް އުޅޭނަމަ އެކަން ރަނގަޅުކުރުމަށް ފުރުޞަތު ދޭނެކަމަށެވެ. ނަމަވެސް ފަހު ތިން ދުވަހު ހުށައަޅާ ފޯމްތަކަށް ބަދަލު ގެނައުމުގެ ފުރުޞަތު ނޯންނާނެކަމަށެވެ.