ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދީފިއެވެ. ކަރެކްޝަނުން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަދިީ މެޑިކަލްބޯޑްގެ ލަފާގެ މަތިންކަމަށެވެ. ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ އަދީބަށް ދީފައިމިވަނީ އެކަމަށް އެދި އެތައް ފަހަރެއްގެ މަތިން ހުށައަޅާފައިވަނިކޮށެވެ.
ހިިޔާނާތާއި ޓެރަރިޒަމްގެ ކުށްތަކުގެ މައްސަލާގއަި އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލުކޮށްފައެވެ.
ޅ.މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ 5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކުށް ސާބިތުބެ 8 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލްކޯޓުން އަހްމަދު އަދީބުގެ މައްޗަށް ކުރި ހުކުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތްކުރި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައި އޮތް 15 އަހަރުގެ ޖަލު ޙުކުމްވެސް ހައިކޯޓުން ވަނީ ބާޠިލްކޮށްފައެވެ. އަދި ފިސްތޯލައެއް ގެންގުޅުނު ކުށުގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ވަނީ ސުޕްރީމްކޯޓުން ބާތިލުކޮށްފައެވެ.
މި މައްސަލަތކުގެ ތެރެއިން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލްކޯޓަށް އަމުރުކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ އަދީބުގެ މައްޗަށް އުފުލާފައިވާ 15 ދައުވާއެއް ކުރިމިނަލްކޯޓުން ވަނީ ޕްރޮސެކިއުޓަރެ ޖެނެރަލްގެ އޮފީހަށް ފޮނުވާލާފައެވެ.
ޕީޖީ އޮފީހުން ވަނީ ހައިކޯޓްގެ ނިންމުން ސުޕްރީމްކޯޓްގައި އިލްތިމާސްކޮށްފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ އެ އޮފީހުން މިހާރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުން ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި މައްސަލަތަކާއި މެދު ދެން އަމަލުކުރަންވީ ގޮތެއް ސާފުވެގެންދާނެކަމަށެވެ. އަދި ހައިކޯޓުން އަދީބާއި ގުޅުން ހުރި މައްސަލަތައް ބާތިލުކުރި އިރު އެކަމުގައި ސުވާލު އުފެދޭކަންކަން އެބަހުރިކަމަށެވެ.