ސިޔާސީ

މަޖިލީހަށް ލިބިފައިވާ ބާރަކަށް އެހެން ބާރަކުން އަރައެއް ނުގަނެވޭނެ - ނަޝީދު


ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ އެއްވެސް ބާރަކަށް އިތުރު އެހެން އެއްވެސް ބާރަކަށް އަރައި ނުގަނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ގަވައިދު ދިރާސާކުރި ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ބައެއް މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ޤާނޫނު އަސާސީއާ ޚިލާފު މައްސަލަތަކުގައި ގޮތެއް ނިންމަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށެވެ.

"މި މަޖިލީހަށް ހުށަހެޅޭ ތާޢީދު ލިބޭ ކަންކަމަށް ވޯޓަށް އަހަމުން ގެންދެވޭނެ. އެއީ އެހެން މަރުޙަލާއެއްގައި އެހެން ބާރަކުން ނިންމާ ނިންމުމެއް،" މަޖިލިސް ރައީސް، ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިގެން ދިޔައީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ވަޒީރުންނަށް ރުހުންދިނުމުގެ ކުރިން އެ ބޭފުޅުންނާ އިންޓަވިއުކުރަން ޖެހޭނެ ކަމަށް ބުނެ އިތުރުކުރި މާއްދާއެއް އިތުރުކުރި މައްސަލައެވެ.

މީގެކުރިން ރައީސް އޮފީހުން ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލަ ފޮނުވާއިރު އެމީހުންގެ ވަނަވަރު އެނގޭ ގޮތަށް ހުރިހާ މައުލޫމާތެއް ފޮނުވާނެއެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް މެންބަރުން ރުހުން ދެއްވާނީ ރައީސް އޮފީހުން ފޮނުވާ ލިޔެކިޔުންތަކަށް ބެލުމަށްފަހުއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރު މުޅި ވަޒީރުންގެ މަޖިލިސް އެއްކޮށް އިސްތިއުފާ ދިނުމުން ހަމަ އެ ބޭފުޅުންނާއި އެކު ވަޒީރުންގެ މަޖިލިސް ރައީސް ނަޝީދު އެކުލަވާލެއްވިއެވެ. އެކަމުގެ ސަބަބުން 17ވަނަ މަޖިލީހުން ބޭނުންވީ އެ މައްސަލާގައި ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އަދި އެ މައްސަލަ ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެހެންކަމުން އެ މައްސަލަ ދަޢުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް އޭރު ހުށަހެޅުއްވިއެވެ. އަދި އެ މައްސަލައާ ގުޅުންހުރި މާއްދާ އޭރު ސުޕްރީމް ކޯޓުން ވަނީ މަޖިލީހަށް މާނަކޮށްދީފައެވެ.