ސިޔާސީ

ޢާއްމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ޙިއްސާ ނުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ގޮވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާ ޙިއްޞާ ކުރެވޭ މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ޝާއިޢު ކުރާތީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލެ ޖަލު އެނެކްސްއާ ގުޅޭގޮތުން އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ހިއްޞާ ކުރައްވާފައިވާ މަޢުލޫމާތުތައް ދޮގު ކުރައްވާ ކޮމިޝަނަރ އޮފް ޕްރިޒަންސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ޖަލު އެނެކްސް އިމާރާތުގައި މީހުން ބައިތިއްބަނީ ޝަރުޢީ ކޯޓުތަކަށް ހާޒިރު ކުރެވޭ މީހުން ކޯޓަށް ހާޒިރު ކުރުމަށްފަހު އަނބުރާ މާފުއްޓަށް ފުރުވާލުމާއި ދެމެދުގައި ކަމަށެވެ.


އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ މާލެ ޖަލުގެ އެނެކްސް 1 ގައި އެއްވެސް ޤައިދީއަކު އަދި ބަންދުމީހަކު ބަންދު ނުކުރުމަށާއި އެތަނުގައި ތިބި ޤައިދިންނާއި ބަންދު މީހުން އެއަށްވުރެ ރައްކާތެރި އެހެން މާޙައުލަކަށް ބަދަލުކުރުމަށް އަންގާފައިވާތީ ރަސްމީކޮށް އެނެކްސް ބަންދުކޮށް އެވަގުތު އެތަނުގައިތިބި ޤައިދީންނާއި ބަންދު މީހުން ޖަލުގެ އެހެނިހެން ޔުނިޓްތަކަށް ބަދަލުކޮށްފައިވީނަމަވެސް، އެނެކްސް ބައިގައި ހުރި ގޮޅިތައް އެއްވެސް މަރާމާތުކުރުމެއްނެތި އެހެނިހެން ކަންކަމުގައި މީހުން ބަންދު ކުރުމަށް ބޭނުން ކުރަމުންދާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ މާލެ ޖަލު އެނެކްސްގައި މީހުން ބަންދުކޮށްގެން ގެންގުޅުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ޝަރުޢީ ކޯޓުތަކަށް ހާޒިރު ކުރެވޭ މީހުން ކޯޓަށް ހާޒިރު ކުރުމަށްފަހު އަނބުރާ މާފުއްޓަށް ފުރުވާލުމާއި ދެމެދު ހޭދަވާ ގަޑިއެއް ނުވަތަ ދޮޅު ގަޑިއިރެއްހާއިރުގެ ވަގުތުކޮޅުގައި އެނެކްސް ބިލްޑިންގގައި މީހުން ބަހައްޓާ ކަމަށް އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެވަގުތު އެތަނުގައި މީހުން ބަހައްޓަނީ މެންދުރުގެ ކެއުމުގެ ކަންކަން ހަމަޖެއްސުމަށްފަހު ފުރުވާލުމަށް ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ޖަލުގެ ހާލަތު އިންސާނުން ބަންދުކޮށްގެން ގެންގުޅުން އެކަށީގެން ނުވާ ހާލަތަށް ގޮސްފައިވާކަމަށް ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމެޓީން ނެރުނު ރިޕޯޓްގައިވެސް ވަނީ ފާހަގަކޮށްފައެވެ.