ސިޔާސީ

މެންބަރުންގެ ކޮމެޓީ އެލަވަންސް އުވާލަން ހުށަހަޅައިފި


ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލެވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދު އިޞްލާހު ކުރުމުގައި ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފައިވާ ފުރުޞަތުގައި ޓްރާންސްޕޭރަންސީން ވަނީ މަޖިލީހުގެ ގަވާއިދަށް އެ ޖަމިއްޔާއިން ފެންނަ ޚިޔާލުތަކެއް މަޖިލީހަށް ހުށަހަޅާފައެވެ.

ޓްރާންސްޕޭރަންސީން ހުށަހެޅި އިޞްލާހުގައި ވަނީ މަޖިލީހުގެ ކޮމެޓީ އެލަވަންސް އުވާލައި މެންބަރުންނަށް ކުރެވޭނެ ޚަރަދުތަކުގެ ތާވަލެއް އެކަށައަޅާ އެތާވަލުގެ ދަށުން ކުރެވޭ ކުރެވޭ ޚަރަދުތައް "ރިއިމްބާރސް" އުޞޫލެއް ކަނޑައެޅުމަށް ހުށަހަޅާފައެވެ. އަދި އެގޮތަށް ކުރެވޭ ޚަރަދުތައް އިސްނެގުމާއިއެކު ޝާއިޢު ކުރުމަށްވެސް ޓްރާންސްޕޭރަންސީން ވަނީ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައެވެ.

އެ ޖަމިއްޔާއިން ވަނީ މެންބަރުންގެ މަސްލަހަތު ފުށުއަރާ ކަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ރަޖިސްޓަރއެއް ޢާއްމުކޮށް ގާއިމްކޮށް އެއަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ހުށަހަޅާފައެވެ. އަދި މަސްލަޙަތު ފުށުއަރާ ޙާލަތްތަކުގައި މެންބަރުން ވޯޓުގައި ބައިވެރި ނުކުރުމަށްވެސް ޓްރާންސްޕޭރެންސީން ހުށަހަޅާފައިވާ އިޞްލާހުތަކުގެ ތެރޭގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިޞްލާޙުތަކުގައި ޓްރާންސްޕޭރަންސީން ވަނީ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންނާއި ފަސޭހައިން ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައި އެކަން ރައްޔިތުންނަށް ޢާއްމުކޮށް އަންގާ އަދި މަޖިލީހުގެ އިދާރާ މެދުވެރިކޮށްވިއަސް އެ މެންބަރަކާއި ދާއިރާގެ މެންބަރުން ގުޅަން ބޭނުންވެއްޖެ ޙާލަތްތަކުގައި ގުޅޭނެ މަގު ފަހި ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ޓްރާންސްޕޭރަންސީން ހުށަހެޅި އިތުރު އިޞްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުކަމުގެ ދައުރުގައި އެހެން ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ބުނެފައެވެ.

މަޖިލީހުގެ ގަވާއިދު އިޞްލާހު ކުރާ ކޮމެޓީން އަންނަނީ ރައްޔިތުން މަޖިލީހުގެ ގަވާއިދަށް ގިނަ އިޞްލާހުތަކެއް ގެނެސް މަޖިލިސް ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އަދި ހަމައެއާއެކު މަޖިލިސް ގަވާއިދަށް އިޞްލާހު ހުށަހެޅުމުގެ ފުރުޞަތު ޢާއްމު ރައްޔިތުންނަށްވެސް ކޮމެޓީން ވަނީ ހުޅުވާލައިފައެވެ.