ކުޅިވަރު

ބައިބަލާ ސެމީގައި ގްރީން އާއި ކުޑަހެންވޭރު އަދި ޓީނޭޖާއި ވީކޭ


އީދު ބައިބަލާ 1440ގެ ކުއާޓަރ ފައިނަލްގެ މެޗުތައް ނިމި ސެމީފައިނަލްގައި ކުޅޭނެ ހަތަރު ޓީމް ޔަގީންވެއްޖެއެވެ. މުބާރާތުގެ ގަދަ ހަތަރެއްގައި މިފަހަރު ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް، ކުޑަ ހެންވޭރު ޔުނައިޓެޑް، ވީކޭ ސްޕޯޓްސް ކްލަބް އަދި ކްލަބް ޓީނޭޖްއެވެ.

މިރޭ ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގޯޅި ސްޕޯޓްސް ކްލަބެވެ. މިމެޗު ކްލަބް ގްރީން ސްޓްރީޓްސް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ސީދާ ދެ ގޭމުންނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ކުޑަ ހެންވޭރު ޔުނައިޓެޑާއި ހުޅުމާލޭ ސްޕޯޓްސް ކްލަބެވެ. މިމެޗުގައި ކުޑަހެންވޭރު ޔުނައިޓެޑު ފުރަތަމަ ކުޅުނީ ބޭރުންނެވެ. ފުރަތަމަ ގޭމުގެ ފުރަތަމަ ކޮޅު ހުޅުމާލޭ ސްޕޯޓްސް ކްލަބުން ވަނީ ބޭރުން ކުޅެމުންދިޔަ ކުޑަހެންވޭރު ޓީމުގެ އެންމެ މޮޅު ކުޅުންތެރިންތައް ހިފަހައްޓާފައެވެ. އެހެންނަމަވެސް ގޭމު އެނބުރިގެންދިޔައީ ފަހު ވަގުތުކޮޅުގެ ތެރޭގައި ކުޑަހެންވޭރުގެ ހާންޑޯ އެއްފަހަރާ ތިން ކުޅުންތެރިން ނުބައިކޮށްލި ހިސާބުންނެވެ. ދެވަނަ ގޭމް ކުޑަހެންވޭރު ވަނީ ފަސޭހަ ކަމާއެކު ނަގާ ދެ ގޭމުން ހުޅުމާލެ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައެވެ.

ތިން ވަނަ މެޗުގައި ބައްދަލުކުރީ ވީކޭ ސްޕޯޓްސް ކްލަބާއި މީޓް ދަ އީގަލްސްއެވެ. މިއީ މިރޭ ކުޅެވިގެންދިޔަ މެޗުތަކުގެ ތެރެއިން އެންމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗެވެ. އެހެންނަމަވެސް މިމެޗުގައިވެސް ވީކޭ ވަނީ ދެ ގޭމުން މީޓް ދަ އީގަލްސް ބަލިކޮށް ގަދަ ހަތަރަކުން ޖާގަ ހޯދާފައެވެ.

ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ބައްދަލުކުރީ ކްލަބް ޓީނޭޖާއި ކުޑަ ހެންވޭރު ލައަންސްއެވެ. މިމެޗުގައިވެސް ކްލަބް ޓީނޭޖުން ވަނީ އެޓީމުގައި ތިބި ކުޅުންތެރިންގެ ތަޖްރިބާގެ ބޭނުން ހިފާ ފަސޭހަކަމާއެކު ދެ ގޭމުން މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކުޑަ ހެންވޭރު ޔުނައިޓަޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ވީކޭ ސްޕޯޓްސް ކްލަބާއި ކްލަބް ޓީނޭޖެވެ. އަދި މުބާރާތުގެ ފައިނަލް މެޗުވެސް ކުޅެވިގެންދާނީ މާދަމާ ރެއެވެ. ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗުވެސް ޕީ.އެސް.އެމްގެ ޔެސް ޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.