ޚަބަރު

އެމް.އެން.ޔޫގައި އިމާރާތްކުރުމުގެ ދާއިރާއިން ކިޔަވާ ކުދިންނަށް ސްރީލަންކާގައި ތަމްރީނު ހޯދުމުގެ ފުރުޞަތު

އިމާރާތްކުރުމުގެ ދާއިރާއާއި ގުޅުންހުރި ކޯސްތައް ކިޔަވަމުންދާ ދަރިވަރުންނަށް ފަންނީ އެހީތެރިކަން ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ސްރީލަންކާގެ ސިވިލް ސްޓްރަކްޗަރިންގ އެންޑް އިނޖިނިއަރިންގ ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެދަށުން ރާއްޖޭގެ ޔުނިވަރސިޓީގެ ދަރިވަރުންނަށް ސްކޮލަރޝިޕް ދިނުމާއި، އިންޓަރންޝިޕް ޕްރޮގްރާމްތައް ލަންކާގައި ހިންގޭނެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ މި ފުރުޞަތުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މަސައްކަތުގެ ފަންނީ މީހުންނާއެކު މަސައްކަތްކޮށް އުނގެނުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ދާއިރާއާއި ގުޅޭ ދިރާސާތައް ހެދުމުގެ ފުރުޞަތުލިބި ޤައުމީ ޔުނިވަރސިޓީން ތަޢުލީމް ޙާސިލްކޮށްގެން ނިކުންނަ ދަރިވަރުންގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވެގެން ދާނެކަމަަށެވެ.

"މި ޕްރޮގްރާމްގެ ދަށުން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައްވެސް ކުރިއަށްގެންދާނަން. އެގޮތުން ޔުނިވަރސިޓީގެ މުއައްޒަފުންނާއި ޓީޗަރުންނަށްވެސް ތަމްރީން ދެވޭނެ." ފާވާޒް ވިދާޅުވިއެވެވެ.

މި އެއްބަސްވުމުގެދަށުން ގެސްޓް ލެކްޗަރާއިންގެ ޓްރެއިނިންގ ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ބައިނަލްއަޤްވާމީ ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމަށްވެސް މަގުފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ޔުނިވަރސިޓީއިން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަށް، އަލަށް ތަޢާރަފްކުރާ މޮޑިއުލަކާއެކު ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެހެން އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ގޮތްތައްވެސް އުންގަންނައިދޭނެއެވެ.

ލަންކާގެ ސީ.އެސް.އީ.ސީ ކުންފުންނަކީ ރާއްޖޭގައިވެސް ބައެއް މަޝްރުޢުތައް ކުރިއަށްގެންގޮސްފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ފުޅާދާއިރާއެއްގައި ކޮންޝްރަކްޝަނާއި ގުޅުންހުރި މަސައްކަތްތައް ސްރީލަންކާ އާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރިއަށްގެންދާ ލަންކާގެ ކުންފުންޏެކެވެ.