ކުޅިވަރު

ވޮލީގެ އިސްލާހީ މަސައްކަތްތަށް ނުނިމެނީސް އިންޓަރިން ކޮމެޓީއަށް ނުދިއުމަށް ލަތީފް އެދިއްޖެ


ކުރިއަށް އޮތް ވޮލީ އެސޯސިއޭޝަންގެ އިންތިޙާބްގައި ވާދަ ނުކުރައްވާނެކަމަށް މިހާރުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތަށް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލާ، ކޮމިޝަނަރ އޮފް ސްޕޯޓްސް ބޭނުންވެއްޖެ ކަމަށްވާނަމަ، އާ އިންތިޙާބްއަކަށް ފުރުސަތު ހުޅުވާލުމަށް އެދި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ސަލީމްއަށް ފޮނުވި ސިޓީއެއްގައެވެ.

މިދުވަސްވަރަކީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ މައްސަލަތަކެއް ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ބަލަމުންދިއުމުގެ އިތުރުން އެސޯސިއޭޝަންގެ ހިންގުން އިންޓަރިމް ކޮމެޓީއަކާއި ހަވާލް ކުރުމުގެ އަޑުތަކެއް ފެންމަތިވެފައިވާ ދުވަސްވަރެގައެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ވޮލީ ބޯޅައިން ރާއްޖެއަށް ހޯދާދޭ ކާމިޔާބީ އިތުރުކޮށް، ޓެކްނިކަލް ގޮތުންނާއި އިދާރީގޮތުން އެސޯސިއޭޝަންގެ ހިންގުން ހަރުދަނާކޮށް، އިސްލާހީ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާކަމަށެވެ. އަދި އެސޯސިއޭޝަންއިން ފަށާފައިވާ އިސްލާހީ މަސައްކަތުގެ ވަރަށް ބޮޑުބައެއް ނިންމާލާފައިވާކަމަށާއި މިއަންނަ މަސް ނިމުމުގެ ކުރިން އިސްލާޙީ މަސައްކަތް ނިންމާލެވޭނެކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިންމާ ނުލެވެނީސް އެސޯސިއެޝަންގެ ހިންގުން އިންޓަރިމް ކޮމެޓީއަކަށް ގޮސްފިކަމަށްވާނަމަ، މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތް ހުއްޓި، ވޮލީގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

ލަތީފް އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގައި ވޮލީ އެސޯސިއޭޝަން 1982ވަނަ އަހަރު އުފެދުނީސް ސުރެން ކުރަން ބޭނުންވެފައިވާ ކަމެއްކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ކުރެވިފައިނުވާކަމެއްކަމަށެވެ. އަދި މިއީ މިހާރުގެ ހިންގާ ކޮމެޓީއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އަދި މިމަސައްކަތް މިއަންނަ މަހުގެ ނިޔަލަށް ނިންމާލާ، ކޮމިޝަރއަށް ފެނިވަޑައިގަންނަވާނަމަ އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީއެއް އެކުލަވާލުމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަންވެސް މުހައްމަދު ލަތީފް ފާހަގަކުރައްވާފައިވެއެވެ.