ޖަމްއިއްޔާތަކުންކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ޖަމްޢިއްޔާތަކުން ކުރަން ބޭނުންވާ މަސައްކަތްތަކުގައި، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.
އިސްރަށްވެހިންގެ ޖަމްޢިއްޔާއާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމަކަށްފަހު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް މަހްލޫފް ވިދާޅުވީ، އިސްރަށްވެހިންގެ ޖަމްޢިއްޔާއިން ރާވާ ހިންގާ ކަންކަމުގައިވެސް މިނިސްޓްރީގެ ތެރެއިން ދެވެންހުރި އެއްބާރުލުމަކާއި، އެހީތެރިކަން ދެއްވާނެކަމަށެވެ. އެގޮތުން އިސްރަށްވެހިންގެ ޖަމްޢިއްޔާއާއި، ޔޫތް މިނިސްޓްރީއާއި، މޯލްޑިސް ގައިޑް އެން ފެލޯޝިޕް ގުޅިގެން އަންނަ ހޮނިހިރު ދުވަހު ހަރަކާތެއް ބޭއްވުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދަޅުވީ ޖަމްޢިއްޔާތަކުން ހިންގާ މިފަދަ ކަންކަމަކީ މިނިސްޓްރީއިން އަބަދުވެސް ހިތްވަރުދޭނެ ކަންކަންކަމަށެވެ.
"ރަޢީސްވެސް ވަރަށް އިސްކަންދެއްވާ ކޮމިއުނިޓީ އެމްޕަވަރމެންޓް މަސައްކަތްތަކަށް. މިނިސްޓްރީގެ ވިސްނުމެއްނުން ޖަމްޢިއްޔާތަކުގެ މަސައްކަތް ހިފަހައްޓައިގެން އުޅުމަކީ" މަހްލޫފް ވިދާޅުވިއެވެ.
އިސްރަށްވެހިންނަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ފައުންޑަރ ޑރ މަރިޔަމް ޝަކީލާ ވިދާޅުވީ، މި ޕްރޮގްރާމްގެ ބޭނުމަކީ އިސްރައްވެހިން އެއްތަނަކުން ބައްދަލުވެ، އެމީހުންނަކީވެސް މުޖުތަމަޢުއަށް މުހިންމު ބައެއްކަން ހާމަކޮށްދިނުންކަމަށެވެ. އެގޮތުން ކޮންމެ އިސްރަށްވެއްސަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޝަކީލާ ވިދާޅުވިއެވެ. މި ހަރަކާތުގެ ތެރެއިން ސިއްޙީ މަޢުލޫމާތު ދިނުމާއި، ކަސްރަތާއި، އަދި ތަފާތު ކުޅިވަރުތައްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
"ބޭނުންވަނީ މިއީ މުޖުތަމަޢު ބަލައިގަންނަ މުހިންމު ބައެއްކަން އަންގައިދިނުން. ޒުވާންއިރު އެތަށް ޚިދުމަތެއް ކުރެއްވި މީހުން އެބަތިބި އެތައް ދުވަހެއް ވަންދެން ގެއިން ނުނިކުމެ. ބޭނުންވަނީ އެކުވެރި މާޙަލުއެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުން" ޝަކީލާ ވިދާޅުވިއެވެ.
އިސްރަށްވެހިންގެ ޖަމްޢިއްޔާގެ ފަރާތުންވަނީ އިސްރަށްވެހިންގެ މަސައްކަތްތައް މިހާރަށްވުރެ ފުރިހަމައަށް ކުރިއަށްގެންދިއުމަށް ކައުންސިލެއް އެކުލަވާލުމާ ގުޅޭގޮތުންވެސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައެވެ.
އިސްރަށްވެހިންގެ ޖަމްޢިއްޔާއިން މީގެކުރިންވެސްވަނީ މުސްކުޅިންނަށް އެކި ކަހަލަ ހަރަކާތްތައް ހިންގާފައެވެ. އެގޮތުން އެކުވެރި އެއްވުންތައް ބޭއްވުމާއި، ރަށްރަށުގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ބޭއްވުންފަދަ ޙަރަކާތްތައް ހިމެނެއެވެ. އެ ޖަމްޢިއްޔާގައި 100އަށްވުރެ ގީނަ މީހުން ރަޖިސްޓަރވެފައިވެއެވެ.