ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ފުރަތަމަ ޔުއެފާ ނޭޝަންސް ލީގު އުފުލާލައިފިއެވެ.
ޕޯޗުގަލް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރީ މިރޭ ކުޅުނު ފައިނަލް މެޗުގައި ނެދަލޭންޑްސް ބަލިކޮށްގެންނެވެ. މިމެޗު ޕޯޗުގަލް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. އަދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަސްދޮޅަސް ވަނަ މިނެޓުގައި ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ފޯވާޑް ގޮންޒާލޯ ގުއެޑެސްއެވެ.
މިއީ ޔުއެފާއިން ނޭޝަންސް ލީގު ބޭއްވި ފުރަތަމަ ފަހަރެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ކުޅެވިގެންދިޔައީވެސް ޕޯޗުގަލްގައެވެ. މުބާރާތުގައި ރޮނާލްޑޯ ކުޅެފައިވަނީ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗެވެ.
ފައިނަލް މެޗުގައި ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބުނުކުރެވުނުނަމަވެސް މުބާރާތުގެ ސެމީ ފައިނަލްގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދާ ފައިނަލަށް ޓީމު ގެނަސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.