މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް އެދި ހުށައެޅި ގިނަ ކުދިންނަށް ލޯނު ނުލިބުނު މައްސަލާގައި ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް އެކި ދާއިރާތަކުން 933 ފަރާތަކުން ފޯމް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 79 ފަރާތަކަށެވެ. އަދި ބައެއް ދާއިރާތަކުން ކުރިމަތިލި އެއްވެސް ފަރާތަކަށް ލޯނު ހަމަޖެހިފައިނުވެއެވެ. އޭގެތެރޭގައި އެކި ދާއިރަތަކުން ޑިޕްލޮމާއަށް އެދުނު 21 ފަރާތެއްވެސް ހިމެނެއެވެ.
ޢެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ހަޔަރ އެޑިކޭޝަން މިނސްޓަރ ޑރ އިބްރާހިމް ޙަސަން އާއި މިއަދު ބައްދަލުކުރީ އެ ޕާޓިގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު ބައެއް މެމްބަރުން ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ލޯން ދޫކުރުމުގައި އެކުލަވާލާފައިވާ އުސޫލްތަކުގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަންކަން ރަގަޅު ކުރައްވަން ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފައިވާކަމަށާއި މާދަމާ ލޯނަށް ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.
ލޯނުގެ ކަންކަން ހާމަކަންބޮޑުކޮށް އެންމެނަށް ފެންނަ ގޮތަށް ބޭއްވުމަށްވެސް ބައެއް މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ.
މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ލޯން ނުލިބުނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޢާއްމުކޮށްފައިވާ އުސޫލާއި ޚިލާފަށް އެޕްލިކޭޝަން ހުށަހަޅާފައިވާތީކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވަނީ ވިދާޅުވެފައެވެ.
އަދި ލޯނު ނުލިބުނު ފަރާތްތަކަށް އެކަމުގެ ސަބަބު ބަޔަންކޮށްދިނުމުގެ މަސައްކަތްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ލޯނަށް އެދުނު ގިނަ ފަރާތްތަކަށް ލޯނު ނުލިބުނު މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވީ އުސޫލާއި ޚިލާފަށް ފޯމްތައް ހުށައެޅުމުންވެސް އެފޯމްތައް މިނިސްޓްރީން ބަލައިގެންފައިވާތީއެވެ. އަދި އުސޫލާއި ޚިލާފުވި ފޯމްތައް ކެންސަލްކުރުމުގެ ބަދަލުގައި ރަގަޅުކުރަންފުރުސަތު ނުދިނުމަކީވެސް ގިނަ ބަޔަކުޝަކުވާކުރިކަމެކެވެ. ޢެހެންނަމަވެސް ފޯމްތައް ބަލައިގެން މައްސަލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނަފައެއް ނުވެއެވެ.