ވިޔަފާރި

އޮމާނުން އެނަރޖީ ޑްރިންކްސްއާއި ދުންފަތުން ނަގާ ޓެކްސް %100 ބޮޑުކޮށްފި


ދުންފަތާއި ރަލާއި އޫރުމަހުން ނަގާ ޓެކްސް 100 އިންސައްތަ ބޮޑުކުރުމަށް އޮމާނުން ނިންމައިފިއެވެ.

ދުންފަތާއި ރަލާއި އޫރުމަހުން ނަގާ ޓެކްސް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް އޮމާނުން ނިންމާފައި މިވަނީ، އެޤައުމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްކަމަށް ޚަބަރުތައް ބުނެއެވެ.

ދުންފަތާއި ރަލާއި އޫރުމަހުގެ އިތުރުން، އެނަރޖީ ޑްރިންކްސްއާއި ކާބޮނޭޓަޑް ޑްރިންސްއިން ނަގާ ޓެކްސްވެސް ބޮޑުކުރުމަށް އޮމާނުން ވަނީ ނިންމާފައެވެ. އެގޮތުން އެނަރޖީ ޑްރިންކްސްއިން ނަގާ ޓެކްސް 100 އިންސައްތައަށް ބޮޑުކުރާއިރު، ކާބޮނޭޓަޑް ޑްރިންކްސްއިން ނަގާ ޓެކްސް 50 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

އޮމާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން ބައެއް ބާވަތްތަކުގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުން ދައުލަތަށް 260 މިލިއަން ޑޮލަރު އާމްދަނީއެއް ލިބޭނެކަމަށެވެ.

އޮމާންގެ އިޤްތިޞާދަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރު އެޤައުމުގެ އިޤްތިޞާދު 2.1 އިންސައްތައިން 2.3 އިންސައްތައަށް ކުރިއަރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބައެއް ބާވަތްތަކުގެ މުދަލުން ނަގާ ޓެކްސް އޮމާނުން ބޮޑުކޮށްފައިވާއިރު، ޢަރަބި އެހެން ޤައުމުތަކުންވެސް ދަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޢަރަބި ބައެއް ޤައުމުތަކުގައި ރަލާއި، އޫރުމަހާއި، ދުންފަތާއި، އެނާރޖީ ޑްރިންކްސްއިން ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ.