ވިޔަފާރި

އޯޕެކްއިން ވަކިވުމުގެ ވިސްނުމެއް ނެތް - އީރާން


ތޮޔޮ އުފައްދާ ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އޯޕެކްއިން ވަކިވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ތެލާބެހޭ ވަޒީރު ބިޖާން ޒަންގަނޭ ވިދާޅުވީ، އޯޕެކްގެ ބައެއް ޤައުމުތަކުން އީރާނާ ދެކޮޅަށް މަސައްކަތްކުރި ނަމަވެސް، އޯޕެކްއިން ވަކިވުމުގެ އެއްވެސް ވިސްނުމެއް އީރާނުން ނުގެންގުޅޭކަމަށެވެ. ނަމަވެސް އޯޕެކް އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއްކުރި އީރާނާއި ވެނެޒުއޭލާއާ ދެކޮޅަށް އޯޕެކްގެ ބައެއް ޤައުމުތަކުން ކުރާ މަސައްކަތާމެދު ހިތްހަމަނުޖެހޭކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ބައެއް ޤައުމުތަކުން އޯޕެކްއަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ޖަމުޢިއްޔާއަކަށް ހަދާފައިވާކަމަށާއި އެއީ ދެރަ ކަމެއްކަމަށް އީރާނުގެ ތެލާބެހޭ ވަޒީރު ވިދާޅުވިއެވެ.

އީރާނުގެ ތެލާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން އީރާނަކީ ދުޝްމަނެއްގެ ގޮތުގައި ބަލާކަމަށާއި، ނަމަވެސް އީރާނުން އެގޮތަށް އެޤައުމުތަކާމެދު ނުދެކޭކަމަށްވެސް ޒަންގަނޭ ވިދާޅުވިއެވެ. އެއީ ކޮން ޤައުމުތަކެއްކަން ހާމަނުކުރިޔަސް، އީރާނުގެ ތެލާބެހޭ ވަޒީރު ދެއްކެވީ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީގެ ވާހަކަކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސަޢުދީއާއި ޔޫއޭއީއާއެކު އީރާނުން މާ ރަނގަޅު ގުޅުމެއް ނުބާއްވާއިރު، މަސްރަޙު އިތުރަށް ގޯސްވެފައިވަނީ އީރާނަށް ޖެއްސުންކުރުމުގެ ގޮތުން ސައުދީއާއި ޔޫއޭއީން އުފައްދާ ތެޔޮ އިތުރުކުރާނެކަމަށް އެޤައުމުތަކުން ހާމަކުރުމާ ގުޅިގެނެވެ. އެގޮތަށް އަމަލުކުރުމަށް އެޤައުމުތަކުން ނިންމާފައިވަނީ އީރާނުން ތެޔޮ އެތެރެކުރުން އެމެރިކާއިން ހުއްޓާލުމާ ގުޅިގެން، ސަޕްލައިއަށް ކޮށްފާނެ އަސަރެއް ފޫބެއްދުމަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ. މިއީ އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމްތަކާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.