ޚަބަރު

ވައި ވަރަށް ގަދަވެ އުތުރަށް މޫސުން ގޯސްވާނެ


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ ވައިގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އދާރާއިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރެއަށް އާއްމުކޮށް ހުންނަ ވަރަށްވުރެ ވައި ބާރުވާނެކަމަށެވެ. އަދި ވައި ބާރުވެފައިވަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުރަމުންދާތީކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުން ދިޔަ ނަމަވެސް، ކޮޅިގަނޑު ދަތުރުކުރަމުންދަނީ ރާއްޖޭއާއި ދުރަށްކަމަށާއި ކުރިއަށް އޮތް ވައިގެ ބާރުމިން ދަށްވަމުންދާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ މޫސުމަށް ބަލާލާއިރު އެކި ހިސާބަށް ވިއްސާރަކުރާނެ އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހުން އެކަށީގެންވެއެވެ.
ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އަދި ވިލާގަނޑުގައި ގަޑިިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށްް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ އަދި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭތީވެ، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާތީ ހުރިހާ ފަރާތް ތަކުން، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.