ޚަބަރު

މެމްބަރުން ހޮވާ ކޮމެޓީގެ މުޤައްރިރަށް އާޒިމް ނާއިބަކަށް ސައީދު


ރައްޔިތިން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށް ނެގި ވަގުތީ ކޮމެޓީގެ މުޤައްރިރަކަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހަމަޖައްސައިފިއެވެ. 11 މެމްބަރުން ހިމެނޭ މި ކޮމެޓީގެ ނާއިބު މުޤައްރިރަކީ މާވަށު ދާއިރާގެ މެމްބަރު ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.

މަޖިލީހުގައި މިހާރު އޮންނަ ކޮމެޓީތަކުގެ އިތުރުން ފަސް ކޮމިޓީ ހިމެނޭހެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި މަހުގެ 3 ވަނަދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ޖަލްސާގައި ވަނީ މަޖިލީހުގެ ޤަވާއިދު އިސްލާޙުކުރުމަށް އެކުލަވާލި 11 މެންބަރުންގެ ކޮމިޓީން ނިންމާފައިވާ ގޮތަށް މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 13 އިން 17 އަށް އިތުރު ކުރުމަށާއި، މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ބަހުސްގެ ވަގުތު 4 ގަޑިއިރަށް އިތުރުކުރުމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްވީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

އަލަށް އެކުލަވާލަން ފާސްކުރި ފަސް ކޮމިޓީއަކީ:


1- ޖުޑިޝަރީ ކޮމިޓީ
2- ލާމަރުކަޒީ ކޮމިޓީ
3- އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
4- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް / ސަރުކަރު ހިއްސާވާ ކުންފުނިތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީ
5- ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އެވެ.

މީގެއިތުރުން ޤައުމީ ސަލާމަތުގެ ކޮމިޓީގެ ނަން "ޤައުމީ ސަލާމަތާއި ބޭރުގެ ގުޅުންތަކާއި ބެހޭ ކޮމެޓީ"ގެ ނަމަށް ބަދަލުކުރުމަށާއި، ޤައުމީ ތަރައްޤީގެ ކޮމެޓީގެ ނަމުގައި އޮތް ކޮމިޓީގެ ނަން "ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީ"ގެ ނަމަށް ބަދަލުކުރަން މަޖިލީހުންވަނީ ފާސްކޮށްފައެވެ. މިއާއެކު މަޖިލީހުގެ ކަންކަމާބެހޭ ކޮމިޓީ ތަކުގެ އަދަދަކީ ތިނެކެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ކަންކަން ބެލުމަށް 14 ކޮމިޓީ އޮންނާއެވެ.

ކޮމެޓީތަކަށް މެމްބަރުން ކަނޑައަޅާ ވަގުތީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން

ކޮމެޓީތަކަށް މެމްބަރުން ކަނޑައަޅާ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން

1- މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް.
2- ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން.
3- މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު.
4- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް.
5- ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސެއިން.
6- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު.
7- އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން.
8- ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގް.
9-ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް.
10- ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު.
11- މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ.