ދުވަހުން ދުވަހަށް ރާއްޖޭގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ރައްކާ ނުކުރެއްވިޖެނަމަ، އެއީ އަޅުގަނޑުމެންގެ ތެރެއިން ފޮހެވި، ގެއްލިގެންދާނެ ތާރީޚެކެވެ. މި މަޢުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޤައުމީ އަރްޝީފުން ކުރަމުން އަންނަ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ. މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުން އަންނަ ޤައުމީ އަރްޝީފް ދުވަހެވެ.
ރާއްޖެއާ ގުޅުންހުރި މަޢުލޫމާތާއި އެކި ދުވަސްވަރު ދިވެހި ދަޢުލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް މިހާތަނަށް އައިސްފައިވަނީ ލިޔެވި ރައްކަކުރެވިފައިވާ އަކުރުތަކާއި ތަސްވީރުތަކެއްގެ ޒަރިއްޔާއިންނެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް ދިވެހިރާއްޖެއަށް ތަޢާރަފްވުމުގެ އެތަށް އަހަރެއް ކުރީގެ މަޢުލޫމާތުތައް މިހާރުވެސް ރާއްޖޭގައި ރައްކާތެރިކުރެވިފައި އެބަހުއްޓެވެ. ރާއްޖޭގައި އަރުޝީފް ކުރުމުގެ މަސައްކަތް މީގެ އެތަށް އަހަރެއް ކުރިން ފެށިގެން ކުރަމުން އައިސްފައިވާކަން ތާރީޚުން ސާބިތުވެއެވެ.
އެގޮތުން 12ވަނަ ޤަރުނުގައި ލިޔެފައިވާ ލޯމާފާނުތައް އެއިރުން ފެށިގެން މިހާތަނަށްވެސް ފެންނަން ހުރުމަކީ މިކަމުގެ ސާބިތު ހެއްކެކެވެ. އެންމެ ކުރީންސުރެވެސް ރާއްޖެއަކީ، ރާއްޖޭގެ ހިންގުމާ ގުޅޭ މަޢުލޫމާތުތައް އެކި ފެންވަރުގައި އެއްކުރަމުން އައިސްފައިވާ ޤައުމެކެވެ. އެގޮތުން ދުވަހުން ދުވަހަށް ރާއްޖޭގައި ހިންގާ ކަންކަން ލިޔެ ބަލަހައްޓަން ފަށާފައިވަނީ 1942ވަނަ އަހަރު، ވުޒާރަތުލް ދާޚިލިއްޔާގައެވެ.
އަދި ޤައުމީ ކުރުބުޚާނާއާއި 1952ވަނަ އަހަރު ހުޅުވި ދާރުލް އާސާރަކީވެސް އަރުޝީފުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔަ ތަންތަނެވެ. މީގެއިތުރުންވެސް ޑިޕަރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި ތާރީޚާއި ސަޤާފަތަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހާއި 1982ގައި އުފެއްދި ދިވެހިބަހާއި ތާރީޚާއި ޚިދުމަތްކުރާ ޤައުމީ މަރުކަޒަކީ އަރުޝީފު ކުރުމުގެ މަސައްކަތް ޤައުމީގޮތުން ކުރި މުހިންމު މުއައްސަސާތަކެވެ.
މިނިސްޓްރީ އޮފް އަރޓްސް އެންޑް ކަލްޗަރގެ ދަށުގައި އިދާރީގޮތުން ޤައުމީ އަރުޝީފުގެ ނަމުގައި 1996ގައި އޭރުގެ ސަރުކާރުން އޮފީހެއް އެފެއްދެވިއެވެ.
މިހާރު އުފައްދާފައިވާ "ދިވެހިރާއްޖޭގެ ޤައުމީ އަރްޝީފް"އަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ދިވެހިރާއްޖޭގެ އަރުޝީފުގެ ޤާނޫނުގެދަށުން 19 ޖެނުއަރީ 2012ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މުއައްސަސާއެކެވެ.
އެއަށްފަހު މިހާރު ރަސްމީކޮށް ޤައުމީ އަރުޝީފުގެ މަސައްކަތް ބަލަހައްޓަމުންދަނީ، 17 ނޮވެންބަރުގައި ސަރުކާރުން އުފެއްދެވި މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުންނެވެ.
ޤައުމީ އަރްޝީފުން ކުރަމުން އަންނަ މަސައްކަތްތަކުގެތެރޭގައި، ތާރިޚީ ފުރޭފުތަކާއި ފަތްފުއްތަކާއި ފަތްކޮޅުތަކާއި ޗާޓުތަކާއި ލިޔެކިޔުންތަކާއި ރިކޯޑްތައް ރައްކާތެރިކޮށް ބެލެހެއްޓުމުމާއި ދެމެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. ޤައުމީ އަރްޝީފުން މިހާރުވެސް ގެންދަނީ ދުވަހުން ދުވަހަށް ހިންގާ މުހިންމު ކަންކަންމުގެ މަޢުލޫމާތު ރައްކާތެރިކޮށް، އެރަކެތި ބަލަހައްޓަމުންނެވެ.
އެގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ބަދަލުކުރާ މަޢުލޫމާތާއި، އެކި އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، ރާއްޖޭގައި ހިންގަމުން އަންނަ އެކިކަހަލަ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު އަރްޝީފުގައި ދުވަހުން ދުވަހަށް ރައްކާތެރިކުރެއެވެ. މީގެތެރޭގައި ލިޔުންތަކާއި، ފޮޓޯއާއި ވިޑިއޯވެސް ބޭނުންކޮށްގެން އަރްޝީފް މުއްސަނދި ކުރުމުގެ މަސައްކަތް ކުރެއެވެ.
އާކައިވްއިން އަންނަނީ ކުރީގެ ލިޔުންތަކާއި، ރައްކާކުރެވިފައިވާ އެކި ކަހަލަ ފަތްފުއްތައް ޑިޖިޓަލްކޮށް ކޮމްޕިއުޓަރައިޒް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަސައްކަތް ކުރަނީ ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެންނެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 9ވަނަ ދުވަސް ބައިނަލްއަޤްވާމީ އަރްޝީފް ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މި ދުވަސް ފާހަގަކުރމުގެ މަޤްސަދަކީ މަޢޫލޫމާތު ރައްކާތެރިކޮށް، ތާރީޚާގުޅޭ ކަންކަން ދެމެހެއްޓުމަށް މީހުން ހޭލުންތެރިކުރުމެވެ. އަރްޝީފް ދުވަސް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަން ފަށާފައިވަނީ 1948ވަނަ އަހަރުވއެވެ.