ޚަބަރު

ކަސްޓަމްސް ދާއިރާއިން މީހުން ބިނާކުރުމަށް އިންޑިޔާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


ކަސްޓަމްސް ދާއިރާއިން މުވައްޒަފުން ބިނާކުރުމާއި ޤާބިލްކަން އިތުރުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އޮފް އިންޑިއާ (ސީ.ބީ.އައި.ސީ) އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ޤާއިމްކުރުމަށް ވެވޭ އެއްބަސްވުންތަކުގެ ތެރެއިން ކަސްޓަމްސްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށެވެ.

މިިއެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ސަރަހައްދީ ތަމްރީން މަރުކަޒެއްކަމަށްވާ އިންޑިޔާގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސްއާ ގުޅިގެން ކަސްޓަމްސް ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް، ޚާއްޞަގޮތެއްގައި ޓްރޭޑް ފެސިލިޓޭޝަން، ސަޕްލައި ޗެއިން ސެކިއުރިޓީ، އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި މުއާހަދާތައް ތަންފީޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި މިދާއިރާތަކުން ދިރާސާތައް ހެދުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މުވައްޒަފުން ބިނާކުރުމުގެ އެންމެހާ ކަންކަން ތަންފީޒްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނިފައިވެއެވެ.

ކަސްޓަމްސް ދާއިރާއިން މުވައްޒަފުން ބިނާކުރުމާއި ޤާބިލްކަން އިތުރުކުރުމުގެ މި އެއްބަސްވުން ދިވެހިސަރުކާރުގެ ފަރާތުން ބަދަލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާނެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުން ބަދަލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ،

ކަސްޓަމްސްއަކީ ޤައުމުގެ އިޤްތިޞާދީ ދޮރާށި ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރާ މުއައްސަސާކަމަށްވާތީ، ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުމާއި، މަސްތުވާތަކެއްޗާ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމަށާއި، ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ތަމްރީނާއި ޤާބިލްކަން މުވައްޒަފުންގެ ކިބާގައި ހުރުމަކީ ވަރަށް މުހިންމު ކަމަކަށްވާހިނދު، މިސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން މިކަންކަން ޚާޞިލްކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ދެކެއެވެ.