ޚަބަރު

ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ބޮޑު ވަޒީރު މޯދީއަށް މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ދާމޫދަރުދާސް މޯދީ، ރާއްޖެއަށް ކުރެއްވި 2 ދުވަހުގެ ފުރަމާނަ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ބޭރުގެ ޤައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. މޯދީ އަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނު މާލެއިން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި އިންޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވުމާއި، އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހަތްކޮޅުގައި ވަޑައިގެން ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާ، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ވަނީ ބަދަލުކުރައްވާފައެވެ. އެއަށްފަހު ބޮޑުވަޒީރު މޯދީގެ ފުރަމާނަ ދަތުރުފުޅާއި ގުޅިގެން ދެޤައުމުން ދެއްވި ގުޅިފައިވާ ރަސްމީ ބަޔާންވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙައި ބޮޑުވަޒީރު މޯދީ އިއްވެވިއެވެ. މިބަޔާނުގައި ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މޯދީގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި ގުޅޭގޮތުންނާއި ސަރަހައްދީ ބައެއް މައްސަލަތަކަށް އަލިއަޅުއްވައި ލައްވައި ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެ ކުރިޔަށްދިއުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭއިން އެންމެ ފާހަގަވެގެންދިޔަ އަދި އެންމެ ޚާއްސަކަމެއްގެ ގޮތުގައި ކުރިއަށްދިޔައީ ދިވެހި ދައުލަތުން ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރުވުމެވެ. މިއީ މިލަޤަބު އިންޑިއާގެ އިއްޒަތްތެރިއަކަށް އެރުވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ. މަޖިލީހުގައި ތަޤްރީރުކުރެއްވުމުގެ ލަގަބު ލިބިވަޑައިގެންންނެވި އިންޑިއާގެ ދެވަނަ ބޮޑުވަޒީރުގެ ޝަރަފާއެކު މޯދީ ވަނީ ދެޤައުމުގެ ގުޅުމާއި، ގެޤައުމުން ހަންމިއަޔަތުކަންދޭ މުހިންމުކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ނާއިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
ދެދުވަހުގެ ދަތުރުފުޅުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ކުރުނބާ މޯލްޑިވްސްގައި ފުރަމާނަ ޖާފަތެއް ދެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފައިވާއިރު، ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.