ޚަބަރު

މި ދަތުރު ރަމްޒުކޮށްދެނީ ދެޤައުމުގެ ގާތް ގުޅުން- މޯދީ


އާ ދަޢުރަކަށް އިންތިޚާބުވުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ދިވެހި ރާއްޖެއަށް ވަޑައިދަތުމަކީ އިންޑިއާއާއި ދިވެހިރާއްޖެއާއި އޮތް ގުޅުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ ދިވެހި ރާއްޖެއަށް އާދެވިއްޖެކަމަށާއި، މިއީ ދެ ޤައުމުގެ ގުޅިފައިވާ ވަރުގަދަ ގުޅުން ހާމަވެގެންދާ ކަމެއްކަމަށެވެ.

އަދި ތަފާތު ރޮނގުތަކުން ރާއްޖެއާއިއެކު ގުޅުން ބަދަހިކުރަން ބޭނުންކަމުގެ ޝައުގު މޯދީވަނީ ފާޅުކުރައްވާފައެވެ.

ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، އިންޑިއާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ދިނުމާއި ގުޅޭ އެއްބަސްވުންތައްވަނީ ޤާއިމުކޮށްފައެވެ.

އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުޤު އިންޑިއާ ސަރުކާރުންދަނީ ފާޅުކުރަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މޯދީ ކުރިން ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އަހަރު ރަޢީސް އިބްރާޙިމް މުޙައްމަދު ސޯލީހްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް މިދިޔަ ނޮވެމްބަރުމަހުއެވެ.