ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަަކަށް ބައެއް ގަޑިތަކުގައި 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގުއުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭކަމަށް ލަފާކުރެވޭތީ އެ ކޮޅިގަނޑުގެ ވައި ދިވެހިރާއްޖެއަށްފޯރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި، 25މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ދޭތެރެދޭތެރެއިން ވައިގެ ބާރުމިން 50 މޭލާއި، 55 މޭލާ ދެމެދުގެ ބާރުމިނަކަށް ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށެވެ.
އަދި އާއްމުކޮށް ރާއްޖެއަށް ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހެނީ 45މޭލަށް ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ވައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، މެދުތެރެއާއި އުތުރުގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައި ގަދަވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި، 6 ފޫޓަށް އުފުލޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި މީގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ދިޔަވަރުބޮޑުވާ ވަގުތު ތަކުގައި އުދަ އެރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ.
އެހެންކަމުން ވައި ގަދަވުމުގެ ސަބަބުން ގެއްލުން ލިބޭގޮތަށްހުރި ތަންތަނާއިމެދު، ރައްކާތެރިކަމުގެ ފިޔަވަޅުއަޅައި، ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އަދި ވައި ގަދަވުމާއި ގުޅިގެން މިދިޔަ ހަފްތާގައިވެސްވަނީ ގިނަ ޙާދިސާތަކެއް ހިންގާފައެވެ. އަދި ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެން ބޮޑުވުމުގެ ޙާދިސާތައްވެސްވަނީ ހިންގާފައެވެ.