ޚަބަރު

މޯދީގެ ދަތުރުފުޅުގައި 6 އެއްބަސްވުމެއްގައި ސޮއިކޮށް ރާޑަރ ސިސްޓަމް ލޯންޗުކުރާނެ


އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއި ދެމެދު އެކުލަވާލެވޭ ކޯސްޓަލް ރާޑަރ ސިސްޓަމް އިފްތިތާހު ކުރުން އޮންނާނެކަމަށްވެސް ފޮރިން މިިނިސްޓްރީން ވިދާޅުވެއެވެ.

މޯދީގެ ދަތުރުފުޅާއި ބެހޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރައްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވީ ނެރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައިކަމަށެވެ. އަދި މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައިކަމަށެވެ.

ރާއްޖެއާއި އިންޑީއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމުރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖެއިން ކޮޗިންނަށް ފެރީގައި ދަތުރުކުރަން ފެށުމުގެ ގޮތުން އެކުލަލާވާ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އާއި ކުޅުދުށްފުށިން ކޮޗިންނަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.