މަޢާފު ދިނުމާއި ޢަދަބު ލުއި ކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މިނިވަން ކޮށްފައިވާ ޤައިދީންގެ ތެރެއިން ޤަވާއިދާއި ޚިލާފަށް މިނިވަންވި ޤައިދީއެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
މަޢާފު ދިނުމާއި ޢަދަބު ލުއި ކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ވަނީ 200 ކުށަށް މައާފު ދެއްވާފައެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މަޢާފުނުދެއްވާ ޤައިދީއަކު ޖަލުން ދޫކޮށްފައިވާކަމުގެ މައުލޫމާތު ހޯމް މިނިސްޓަރަށް ލިބުމާއި ގުޅިގެން، އެކަން ހިނގާދިޔަގޮތް ބަލާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ އެ މައްސަލާއިގެ ތަހުގީގު ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށާއި އަދި ޤަވާއިދާއި ޚިލާފަށް މިނިވަން ވެފައިވާ ޤައިދީ މިވަގުތު ހުރީ ތަހުގީގުގެ ބޭނުމަށް ބަންދުކުރެވިފައި ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
އެހެންނަމަވެސް މި ޤައިދީ މިނިވަންވީ ކޮންބައެއްގެ އިހުމާލުންކަމެއް އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރާތެއްވެސް ހޯމް މިނިސްޓރީއަކުން ވިދާޅެއްނުވެއެވެ. ޢަދި މި ޤައިދީ މިނިވަންވިކަން ފާހަގަވި ގޮތެއްވެސް އަދި ހޯމް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.
މަޢާފު ދިނުމާއި ޢަދަބު ލުއިކޮށް ދިނުމުގެ ޤާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުން އަދަބު ލުއި ކޮށްދީފައިވަނީ ޖަލުގައި އަހުލާގު ރަނގަޅު ގައިދީނެވެ. އަދި އެމީހުންނަކީ އަދަބުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ވެސް މީހުންނެވެ. އެމީހުންގެ އަދަބު ލުއިކޮށް ގެއަށް ބަދަލުކޮށްފައިވަނީ ޝަރުތުތަކާއެކު އެވެ. އޭގެ ތެރޭގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުން ހިމެނެ އެވެ.