ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެން މީހާ ޝަރުތު ތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
19 އަހަރުގެ މި މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު 6 އަހަރުގެ ފިރިހެން ކުއްޖަކަށާއި 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އޭނާގެ ފޯނުން އެކުދިންނަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ދެއްކި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ.
ކްރިމިނަލް ކޯޓުން މި މީހާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ކްރިމިނަލް ކޯޓުން ވިދާޅުވެފައިވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރު ކުރީ، އޭނާ ބަންދުގައި ހުންނަތާ 12 ދުވަސް ވެފައިވާއިރު ސީދާ އޭނާއާމެދު ކުރާނެ އިތުރު ތަޙްޤީޤެއް އޮތްކަމަށް އިންވެސްޓިގޭޓިވް އޮފިސަރ (އައިއޯގެ) ބަހުން އެނގެން ނެތުމުން ކަމަށެވެ. އަދި އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއްކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުންކަމަށްވީނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާކަމަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ފުލުހުން މި މީހާ ހައްޔަރުކުރުމުގެ ކުރިން އާންމުންގެ ބަޔަކު ވަނީ އޭނާ ހިފަހައްޓައި ގަންހިންގުވުމަށް ފަހު އެ ކުޑަ ދެ ކުދިންނަށް އޭނާ ޖިންސީ ގޯނާކުރިގޮތް އަމިއްލައަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ވީޑިއޯގައި އޭނާ ވަނީ އެ ދެ ކުދިންނަށް ހަތަރު ދުވަހެއްގައި ޖިންސީ ގޯނާކުރި ކަމަށް ބުނެފައެވެ.