ޚަބަރު

ދުނިޔޭގެ އިޤްތިޞާދު ހީނަރުވާން ފަށައިފި


ދުނިޔޭގެ އިޤްތިޞާދު ހީނަރުވަމުން އަންނަކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން އެންމެފަހުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައި ބުނެފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ދުނިޔޭގެ އިޤްތިޞާދު ހީނަރުވެފައިވާކަމަށާއި އިޤްތިޞާދީ ދުވެލިވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާކަމަށެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރި މިންވަރަށް ކުރި ނާރާނެކަމަށްވެސް ބުނެފައިވެއެވެ. އަދި މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރަނީ 2.6 އިންސައްތަކަމަށާއި އަންނަ އަހަރު އިޤްތިޞާދު ކުރިއަރަނީ 2.7 އިންސައްތަކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި ދުނިޔޭ އިޤްތިޞާދު ހީނަރުވުމުގެ އަސަރު ވަރަށް ގިނަ ޤައުމުތަކަށް ކުރާނެކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ އިޤްތިޞާދީ ހީނަރުވުމުގެ އިތުރުން، ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން ބައެއް ވިޔަފާރިތަކުގެ ކުރިމަގާމެދު ޝައްކު އުފެދިފައިވާކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ. ވޯލްޑް ބެންކުގެ އޮފިޝަލަކު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދު ހީނަރުވާނޭކަމުގެ އިންޒާރު މީގެ 6 މަސް ކުރިން ދީފައިވާއިރު، މިހާރުގެ ތަފާސް ހިސާބުތަކުން އިޤްތިޞާދު ހީނަރުވާން ފަށައިފިކަން ޔަޤީންވާކަމަށެވެ.

ވޯލްޑް ބެންކުން ބުނާގޮތުގައި ދުނިޔޭގެ އިޤްތިޞާދު ހީނަރުވާން ފެށުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ވިޔަފާރީގެ ހަނގުރާމަތަކެވެ. އޭގެ ތެރެއިންވެސް ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރީގެ ހަނގުރާމަ ވޯލްޑް ބެންކުން ފާހަގަކުރެއެވެ. އެއީ އެ ދެ ޤައުމަކީ ބައިނަލްއަޤްވާމީ އިޤްތިޞާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ބައެއް ޚިއްސާ ކުރާ ދެ ޤައުމަށްވުންކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

ދުނިޔޭގެ އިޤްތިޞާދު ހީނަރުވާން ފަށައިފިކަމަށް ވޯލްޑް ބެންކުން ބުނެފައިވާއިރު، ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް މިއަހަރު ބޮޑު އަސަރެއް ކުރާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްއިންވެސް ވަނީ ބުނެފައެވެ.