ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ދެމުން އަންނަ ހާއްސަ ރައްކާތެރިކަން އެ ގޮތުގައި ބާއްވަންޖެހޭތޯ ބަލާ ދިރާސާ ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. އުމަރަށް ސެކިއުރިޓީ ދެމުންދާތީ އެކަމާއި ގުޅިގެން އާއްމު ފަރާތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އުމަރު ނަސީރަށް ފުލުހުންގެ ހާއްސަ ރައްކާތެރިކަން ދެމުން އަންނަނީ 2016 ވަނަ އަހަރު ޖުލައި މަހު 31 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އަދި އުމަރަށް ފުލުހުންގެ ހާއްސަ ރައްކާތެރިކަން ދީފައިވަނީ އޭނާއަށް އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.
އުމަރު ނަސީރަށް ފުލުހުންގެ ހާއްސަ ރައްކާތެރިކަން ދަމަހައްޓަންޖެހޭތޯ އެކި ފަހަރު މަތިން މުރާޖާކޮށްފައިވާކަމަށާއި އަދި މީގެ މަހެއްހާ ދުވަސްކުރިންވެސް އެކަން ބަލާފައިވާކަމަށްވެސް ފުލުުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
"މި ސެކއިުރިޓީ ވާނީ އޭރުއްސުރެ އެކި ފަހަރުމަތިން ރިވިއުކުރެވިފައި. މިދިޔަ އަހަރު ސަރުކާރު ބަދަލުވި ފަހުންވެސް އުމަރު ނަސީރުގެ ސެކިއުރިޓީ ރިވިއުކުރެވިފައިވޭ. އަދި މީގެ މަހެއްހާ ދުވަސް ކުރިންވެސް ސެކިއުރިޓީ ރިވިއުކުރެވިފައިވޭ." ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
2016 ވަނަ އަހަރު އުމުރު ނަސީރުގެ އޮފީސް ކައިރިޔަށް ބަޔަކު އެއްވެ އިންޒާރުދީފައިވަނީ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ ދާދީ ކައިރީގައެވެ. އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގެ ދުވަސްވަރު އެނާ ވަނީ ކުށްވެރިން މޮނީޓަކޮށް ބެލެހެއްޓުމަށް އެމީހުންގެ ފައިގައި ޓެގް އަޅުވާފައެވެ. އަދި އެ މައްސަލާގައި އޭރުގެ ސަރުކާރުގެ އެތެރޭން އުމަރަށް ވަނީ ބޮޑެތި ފިއްތުންތަކާއި ކުރިމަތިލާންޖެހިފައެވެ.