ވިޔަފާރި

ރިހާނާ - އެންމެ މުއްސަނދި އަންހެން މިއުޒިޝަން


މުއިޒިކީ ދާއިރާގައި ހަރަކާތްތެރިވާ އެންމެ މުއްސަނދި އަންހެނާގެ ޝަރަފު މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ހޯދައިފިއެވެ.

އެންމެ މުއްސަނދި އަންހެން މިއުޒިޝަންގެ ޝަރަފު ބަރބެޑޯސްއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ރިހާނާ ހޯދާފައިވާއިރު، އޭނާގެ މިލްކިއްޔާތުގެ އަގު ހަ ސަތޭކަ މިލިއަން ޑޮލަރަށްވުރެ އިތުރުކަމަށް މަޝްހޫރު ފޯބްސް މަޖައްލާއިން ބުނެއެވެ. އަނެއްކޮޅުން އެންމެ މުއްސަނދި އަންހެން މިއުޒިޝަންގެ ޝަރަފު ރިހާނާ ހޯދާފައިވަނީ މަޝްހޫރު އެތައް ބައެއް ފަހަތަށް ޖައްސާލުމަށްފަހުއެވެ. އޭގެ ތެރޭގައި މެޑޯނާ، ސެލިން ޑިއޯން އަދި ބިޔޯންސޭ ހިމެނެއެވެ.

ލަވަލިޔުންތެރިއެއް ނަމަވެސް ރިހާނާއަށް އާމްދަނީ ލިބޭ މައިގަނޑު ވަޞީލަތަކީ އޭނާގެ ވިޔަފާރީތައްކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން އޭނާގެ އާމްދަނީގެ އެންމެ ބޮޑުބައެއް ޚިއްސާކުރަނީ މަޝްހޫރު ލުއިވުޓޮންއާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުންނެވެ. އޭގެ ދަށުން މިދިޔަމަހު ރިހާނާ ވަނީ "ފެންޓީ"ގެ ނަމުގައި އޭނާގެ އަމިއްލަ ފެޝަން ބްރޭންޑެއް ލޯންޗުކޮށްފައެވެ.

ފެންޓީގެ އިތުރުންވެސް އިތުރު ދެ ބްރޭންޑެއް ރިހާނާ ވަނީ ލޯންޗުކޮށްފައެވެ. އެއީ މިދިޔަ އަހަރު ލޯންޗުކުރި ލޯންޖަރީ ބްރޭންޑެއްކަމަށްވާ ސެވޭޖް އެކްސް ފެންޓީއާއި 2017 ވަނަ އަހަރު ލޯންޗުކުރި ކޮސްމެޓިކްސް ބްރޭންޑެއްކަމަށްވާ ފެންޓީ ބިއުޓީއެވެ.