ޚަބަރު

މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ގެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް


މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ގެއެއްގެ ފާރު ވައްޓަލާ ފުލުހުން ވަދެ ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލާފާސްކޮށްފައިވަނީ މ އެވަރެސްޓް އާގެއެވެ. އެގެއިން 11 މީހަކު ފުލުހުން ހައްޔަރުކޮށްފައެވެ. މި ގެއިން ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 36 އަހަރާއި ދެމެދުގެ 08 ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާއި ދެމެދުގެ ބަންގްލަދޭޝް 03 ރައްޔިތުންކަމަށެވެ. ފުލުހުން ބުނީ މިގެއަށް ވަނީ މިމަހުގެ ތިންވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައިކަމަށެވެ.

ފުލުހުން ބުނީ މި ގެއަކީވެސް ފުލުހުންނަށް ނުވަދެވޭ ގޮތަށް އިލެކްޓްރޯނިކް ތަޅު ހަރުކޮށް ބަންދުކޮށްފައިވާ ގެއެެއް ކަމަށެވެ. އަދި މި ގެއިން މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިގެއަށް ވަދެފައިވަނީ ހަރުކޮށްފައި ހުރި ދަނގަޑު ތޭރި ދޮރުތައް ނަގާ އެގޭގެ ފާރު ތަޅާލައިގެންކަމަށެވެ. އަދި އެގޮތަށް ކަންކުރީ އެގެއަށް ވަދެވޭނެ އިތުރު ގޮތެއް ނެތިގެންކަމަށްވެސް ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ 27 ވަނަދުވަހުވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ވަދެ 37 މީހަކު ހައްޔަރުކޮށްފައެވެ. އެފަހަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާފާސްކޮށްފައިވަނީ ގ ޕެލިކަން އާއި ގ.މެމޮރީވިލާއެވެ.

ފުލުހުން ބުނީ މި ދެ ގެއަކީވެސް ފުލުހުންނަށް ނުވަދެވޭ ގޮތަށް އިލެކްޓްރޯނިކް ތަޅު ހަރުކޮށް ބަންދުކޮށްފައިވާ ދެ ގެކަމަށެވެ. ޢަދި މި ދެ ގެއިން މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޢަދި މިކަމުގައި ކުޑަކުދިންނާއި އަންހެނުން ބޭނުންކުރާކަށްވެސް ފުލުހުން ބުނެއެވެ.

ގ ޕެލިކަން ގެއިން 19 އަހަރާއި 42 އަހަރާާއި ދެމެދުގެ 11 ދިވެހި ފިރިހެނުންނާއި 21 އަހަރުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ކުޑަ 2 ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާވެއެވެ. ޢަދި ގ މެމޮރީވިލާއިން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 24 ދިވެހި ފިރިހެނުން ހައްޔަރުކޮހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.