ޚަބަރު

9 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި 71 އަހަރުގެ މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް


އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް 15 އަނެއްކާވެސް އިތުރުކޮށްފިއެވެ. މީ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރުއެވެ. މި މީހާގެ ބަންދުގެ މުއްދަތު މި ފަހަރުވެސް އިތުރުކޮށްދީފައިވަނީ ގދ ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހާއަކީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ މަންމަ ލޯބީގެ ގޮތުން ގުޅިގެން ކުރިން އުޅުނު މީހެއްކަމަށްވެއެވެ. އެހެންނަމަވެސް މި މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ.

މި ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ މޭ މަހުގެ 10 ވަނަދުވަހުއެވެ. މި މައްސަލާގައި ތުއްތު ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއެއްގެ މައްޗަށްވެސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެއެވެ.

މި މައްސަލައަކީ ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ކުދިންނާ ގުޅޭ އެއްވެސް މައުލޫމާތެއް ޖެންޑަރ މިނިސްޓްރީއަކުންވެސް އަދި ފުލުހުންނެއްވެސް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ފުލުހުންނައި ޖެންޑަރ މިނިސްޓްރީ ގުޅީގެން އެ މައްސަލަތައް ދަނީ ތަހުޤީގުކުރަމުންނެވެ.