ހައްދުފަހަނާ އަޅާފައިވާ ހަނގުރާމަވެރި އައިއެސް ޖަމާއަތަށް ތާއީދުކޮށް އައްޑޫސިޓީގެ ފާރުތަކެއްގައި ކުރެހި މައްސަލައެއް ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.
ހިތަދޫގައި ދެސަރަހައްދެއްގައި ކުރަހާފައިވާ ގްރެފިޓީތަކެއް އާއްމު ފަރތަކުން ވަނީ ޕޮލިސް ކޮމިޝަނަރގެ މުހައްމަދު ހަމީދުގެ ސަމާލުކަމަށް ޓްވީޓާއި މެދުވެރިކޮށް ގެނެސްފައެވެ. އެކަމާއި ގުޅީގެން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ހިތްވަރުދޭ މައްސަލަ ބަލާނެކަމަށެވެ.
ހިތަދޫގެ މައިލޯ ދަނޑުގެ ކައިރީގައި ހުރި އިމާރާތެއްގެ ފާރުގައި، އައިއެސް އަށް ތާއީދުކޮށް ކުރަހާފައިވާ ގްރެފިޓީގެ ފޮޓޯ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލުކަމަށް ޓުވިޓާގައި މީހަކު ގެނައުމާ ގުޅިގެން ހަމީދު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރު ދޭ މައްސަލަތައް ބަލާނެ ކަމަށެވެ. މިފަދަ ޖަމާޢަތްތަށް ޕްރޮމޯޓް ކޮށް ދީނާ ޙިލާފް އަދި ދީނީ އެއްބައިވަންތަކަށް ގެއްލޭ ފަދަ ވާހަކަތަށް ފަތުރައި އެފަދަ ކަންކަމަށް ތާއީދު ކުރާ ފަރާތްތަކާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިހާރު މިމަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ފުލުހުން ބުނީ އައިއެސްއަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މައްސަލައެއް ފުލުހުންނަށް ލިބިގެން ބެލިބެލުމުން އައްޑޫ ހިތަދޫ މައިލޯ ސްޓޭޑިއަމް ކައިރީ ހުރި އިމާރާތްތެއްގެ ފާރުގައި އެފަދަ ގްރެފިޓީއެއް ކުރަހާފައި ހުއްޓާ ފެނިފައިވާކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ބަޔަކު އެ ގްރެފިޓީ ފޮހެލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މިސައްކަތް ސަރުކާރުން ފަށާފައިވާއިރު 60 ވުރެ ގިނަ ދިވެހިން ސީރީޔާގައި ހިނގާ ހަނގުރާމަތަކުގއި ބައިވެރިވުމަށް ގޮސްފައިވާކަން އެނގިފައިވާކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ވަނީ ބުނެފައެވެ.