ޚަބަރު

ވައިގަދަވުމުގެ ސަބަބުން ހިނގާފާނެ ހާދިސާތަކަށް ސަމާލުވުން މުހިންމު


މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ހިނގާފާނެ ހާދިސާއަކަށް ދުރާލައި ރައްކާތެރިވެ އެކަމަށް ސަމާލުވުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ހިސާން ޙަސަން ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން 3 ގެއެއްގެ ފުރާޅު އެއްލާލައިގެން ގއ.މާމެންދޫއިން އިއްޔެ ރިޕޯޓް ކުރި ކަމަށެވެ. ނަމަވެސް މީގެތެރެއިން ގެއްލުން ލިބުނު ދެ ގެ މަރާމާތުކޮށް އާއްމު ޙާލަތަކަށް ގެނެސްފައިވާކަމަށް ހިސާން ވިދާޅުވިއެވެ. އަދި މީގެތެރެއިން އެއް ގޭގައި ދިރިއުޅެމުންދިޔަ ދެ މީހުން އެހެންތަނަކަށް ބަދަލުކޮށް އެންޑީއެމްއޭގެ އެހީގައި ބޯހިޔަވަހިކަން ފޯރުކޮށްދެމުންދާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މި ދެމީހުން ދިރިއުޅުނު ގެއަކީ ވަރަށް ދުވަސްވެފައިވާ ގެއްކަމަށާއި، ފުރާޅު އެއްލާލާފައިވަނީ މިކަމުގެ ސަބަބުންކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ތަފްސީލް އެންޑީއެމްއޭއިން ބަލަމުންދާކަމަށްވެސް ހިސާން ވިދާޅުވިއެވެ.

މިދެދުވަހު އެންމެ ބޮޑަށް ހިނގާފައިވަނީ ވައިގަދަވެގެން ހިނގާފައިވާ ހާދިސާތަކެވެ. އެގޮތުން ލ.ފޮނަދުއާއި، ލ.އިސްދޫގައި ވައި ގަދަވުމުގެ ސަބަބުން ރުއްގަސް ވެއްޓުމުގެ ޙާދިސާތައްވަނީ ހިންގާފައެވެ. އެގޮތުން ގެއެއްގެ ފުރާޅައްވެސް ގަހެއް ވެއްޓިފައިވެއެވެ. ނަމަމަވެސް މިއިން އެއްވެސް ޙާދިސާއެއްގައި މީހަކަށްވެސް އަދި މުދަލަކަށްވެސް ގެއްލުމެއް ނުވެއެވެ.

މީގެއިތުރުން ވައިގަދެވުމުގެ ސަބަބުން ކަނޑު މަތީގެ ބައެއް ހާދިސަތައްވެސްވަނީ ހިންގާފައެވެ. އެގޮތުން ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގަލަކަށް އެރުމުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފުންވަނީ ހަރަކާތްތެރިވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރުވެސްދަނީ ވިއްސާރަކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

ވައިގަދަވުމުގެ ސަބަބުން ހިނގާ ޙާދިސާތައް މަދު ކުރުމަށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމާއި، އަދި ފުރާޅު އެއްލާލާނެކަމަށް ލަފާކުރެވޭނަމަ ވާ އައްސައިގެން ހިފެހެއްޓުމާއި، ވައިގަދަވެ ގަސް ވޭޓޭނަކަމަށް ލަފާކުރެވޭނެމަ އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެއްޅުމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިތީންވަނީ އިލްތިމާސްކޮށްފައެވެ.