ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ "މިސްކިތު ފްރެންޑް" އީދު ބަންދާ ދިމާކޮށް ޚާއްޞަ ކެމްޕެއިނެއް ފެށިކަން އިޢުލާންކޮށްފިއެވެ.
ރައީސްގެ "މިސްކިތު ފްރެންޑް" މަލީކް މިކަން އިޢުލާންކޮށްފައިވަނީ އެލައިންޑް އިންޝިއުރަންސްއިން މަދިރިން ސަލާމްތްވުމަށް "މަދިރި ހޯހޯ" ނަމުގައި ފެށި ކެމްޕެއިން ވީޑިއޯގައި ދިން މެސެޖުގައެވެ.
މީގެ ކުޑަ ދުވަސްކޮޅެއްކުރިން ހުކުރު މިސްކިތުން ރައީސުލްޖުމްހޫރިއްޔާއާއި ދާއިމީކޮށް ދިމާވާ އެމަނިކުފާނުގެ "މިސްކިތު ފްރެންޑް" އަޙްމަދު މަލީކް ވަޙީދު (މަލީކް) މި ކެމްޕެއިން ފަށާކަން އިއުލާންކުރީ ރައީސުލްޖުމްހޫރިއްޔާ އާއި ޢީދު ސަލާމް ކުރެއްވުމަށްފަހު އެނބުރި ގެއަށް އައިސް އާއިލާގެ މެންބަރުންނާއެކު ހެދުނުގެ ނާސްތާ ފެށުމަށް ތައްޔާރުވަމުންދިޔަ ވަގުތު މާމަ ކުރާ ސުވާލަކަށް ޖަވާބުދެމުންނެވެ.
ޢީދު ދުވަހު މަލީކް ޤައުމަށް ކޮށްދޭނީ ކޮންކަމެއްތޯ މާމަ ސުވާލުކުރުމުން މަލީކް ބުނަނީ ކެމްޕެއިނެއް ފަށާ ވާހަކައެވެ.
ޤައުމީ ދިދައަށާއި ޤައުމިއްޔަތަށް ލޯބިކުރާ މަލީކް މި އިޝްތިހާރުގައި ފެނިގެންދަނީ ޤައުމިއްޔަތާއެކު ޤައުމީ ރޫހެއްގައި މަދިރިން ސަލާމަތްވުމަށް ޚާއްޞަ ކެމްޕެއިނެއް ފަށާފައިވާކަން އިޢުލާންކުރާތަނެވެ.
މިސްކިތުން ގެއަށް އައި މަގުމަތީ މަދިރި އުފެދޭ ވަރަށް ގިނަ ތަންތަން ފެނުނުކަމަށް މަލީކް ބުނެއެވެ. އަދި މަލީކްގެ ރަހްމަތްތެރިންތަކަކަށްވެސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމަށްވާ ޗިކުންގުންޔާ ޖެހި ބަލިވެ އުޅޭކަމަށް މަލީކް ބުނެއެވެ.
އެހެންކަމުން މަދިރު ނައްތާލުމަށް ކެމްޕެއިނެއް ފަށަންއުޅޭކަމަށާއި، މަދިރި ގިނަވުމުގެ ސަބަބުން ޑެންގީއާއި ޗިކުންގުންޔާ އިތުރުވާކަމަށް މަލީކު ބުނެއެވެ.
މިސްކިތުން ގެއަށް އާއިރުފެނުނު މަދިރި އުފެދޭ ތަންތަނުގައި މަދިރި ބިސް އަޅާ މަދިރި އާލާވެ ބަލި ފެތުރޭނެކަމަށްވެސް ހަތަރު އަހަރުގެ ކުޑަކުޑަ މަލީކް ބުނެއެވެ.
އެހެންކަމުން އެންމެންވެސް މަދިރިއަށް ހޯހޯއޭ ބުނަންޖެހޭކަމަށް މަލީކް ބުނެއެވެ.
ނަމަވެސް މަލީކު ކެމްޕޭން ރަސްމީކޮށް ފަށާނީ އޭނާގެ ޚާއްސަ ފްރެންޑަކަށް ފޯނުން ގުޅުމަށް ފަހުކަމަށްވެސް ބުނެއެވެ. އެއީ ކޮން ގެއެއްގައި އުޅޭ ފްރެންޑަކަށްތޯ މަލީކް ގުޅަނީ އޭނާގެ ދައްތަ ސުވާލުކުރުން "އެނގޭނެ މިހާރު" މިހެން ބުނެއެވެ. އަދި އެއީ މުލީއާގޭގައި އުޅޭ މަލީކްގެ މިސްކިތު ފްރެންޑެއްކަމަށްވެސް މަލީކް ބުނެއެވެ.
މަލީކްގެ ވާހަކަ ސޯޝަލް މީޑީއާގައި ޢާންމުގެ ބޮޑު ސަމާލުކަމެއް ހޯދާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞާ ރަޙްމަތްތެރިއެގެ ގޮތުގައެވެ.
މަލީކާއި ރައީސް ސާލިހުގެ ގުޅުން ބަދަހިވެފައިވަނީ، ރައީސް ޞާލިހު ރައީސް ކަމުގެ ހުވާ ކުރެވި ހިސާބުންނެވެ. ހަމައެހެންމެ ރައީސް ޞާލިހު ހުކުރަށް ވަޑައިގަންނަވާ ހުކުރު މިސްކިތު ބޭރުގައި ޢާންުގޮތެއްގައިވެސް ނަމާދަށްފަހު ރައީސް ޞާލިހު ފައިބައިވަޑައިގަންނަވަންދެން މަލީކް މަޑު ކުރެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ޢާންމުވި ވީޑިއޯގައި، ރައީސް ސާލިހާ ސަލާމް ކޮށްލުމަށް ފަހު ގާތް ގޮތަކަށް "ކޮން ތާކަށް ތިދަނީ؟" މިހެން ރައީސްގެ އަރިހުން މަލީކް އަހާލައެވެ. އޭގެ ޖަވާބުގައި، "މިދަނީ ގެޔަށް ދާން ވެގެން" ކަމަށް ރައީސް ވިދާޅުވެ އެވެ.
ރައީސްގެ އެ ޖަވާބާ ގުޅިގެން މަލީކް އަހަނީ "ގެޔަށް ކިޔަނީ ކޮން ނަމެއް"ތޯ އެވެ. ރައީސް މަލީކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "މިހާރު އެނގޭނެ." ކަމަށެވެ. ރައީސްގެ މި ބަސްކޮޅާއެކު މަލީކާއި ރައީސް ސާލިޙްގެ ގުޅުމަށް ގިނަ ބައެއްގެ ޝަޢުުޤުވެރިކަން ލިބިގެންދިޔައެވެ.
އަނެއްކާވެސް މިވަނީ ހަމައެފަދަ ވީޑިއޯއެކެވެ. "މިސްކިތު ފްރެންޑް" މަލީކުގެ ޚާއްޞާ މެސެޖް "މަދިރި ހޯހޯ" ހޭޝްޓޭގާއެކު ރައީސް ވަނީ ޓްވީޓުވެސް ކުރައްވާފައެވެ. އެއާއެކު އަނެއްކާވެސް ގިނަ ބައެއްގެ ސަމާލުކަން މަލީކް މިވަނީ ހޯދާފައެވެ.