ޚަބަރު

ފެން އީދެއް ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހޭނެ


ކުރިޔަށް މިއޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނަކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މެޓް އޮޮފީހުން ބުނީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސޫމުގެ ބާރު ގަދަވުމުގެ ސަަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރައިން ބުނީ ކުރިޔަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރަމުން ގެންދާނެކަމަށެވެ. އަދި ކުރިޔަށް އޮތް ދެދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ދެކުނާއި ހުޅަނގުދެކުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަަށްވެސް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެފައިމިވަނީ ކުޑަ އީދާއި ދިމާކޮށް ޗުއްޓީއަށް ރަށުން ބޭރަށް ގިނަބަޔަކު ދާ ދުވަސްވަރަކާއި ދިމާކޮށެވެ. ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީއަށް ރަށުން ބޭރަށް ގޮސްފައިވާކަން މާލޭ މަގުތަކަށް ބަލާލުމުންވެސް އެގެއެވެ.

މެޓް އޮފީހުން ބުނީ އީދަށް އެކި ރަށްރަށް ގިނަ އަދަދެއްގެ ބަޔަކު ދަތުކުރާއިރު މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ދަތުރުތަކަށް ފުރުމާއި އެހެނިހެން ހަރަކާތައް ރޭވުމުގެ ކުރިން މޫސުމާއި ބެހޭ އިދާރާއަށް ގުޅާ މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދުމަށްވެސް މެޓް އޮފީހުން އެދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކިރަށްރަށުގެ ފެންބޮޑުވެ ބައެއް ގެއްލުންތައްވަމުންދާތީ މޫސުމަށް ރައްކާތެރިވެ ދުރާލާ ފިޔަވަޅުތައް އެޅުމަށް ޑިޒާޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ އިލްތިމާސްކޮށްފައެވެ.