ޚަބަރު

ޢީދުގެ އުފާ ފައުޅުކުރުމުގައި އެންމެން ޝާމިލް ކުރުމަށް ރައީސް އެދިވެޑައިގެންފި


ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވެޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންފައިވަނީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލް ކުރުމަށްކަމަށެވެ. އަދި ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާޢީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުޞަތުތަކެއް ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދަކީ ފަގީރުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސްކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދީލަތިކަން އިސްކޮށް، އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ، ޢީދުގެ އުފާވެރިކަން މުޅި މުޖްތަމަޢަށް ފެތުރިގެންދާނޭ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޢީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް، ޢީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަމެއްކަމުގައެވެ. އަދި މި ޤައުމަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަޞްލަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމަޢުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެއް ކަން ފާހަގަކުރައްވައި، އެ ފުރުޞަތުގެ ބޭނުން ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެދިވަޑައިގެންފައިވެއެވެ.