ޚަބަރު

އެހާރާއި މިހާރު ދިވެހިންގެ ޢީދު ފާހަގަކުރުން


ފިޠުރު ޢީދަކީ މުސްލިމުންނަށް އަންނަ އެންމެ މުހިންމު އަދި އެންމެ އުފާވެރި އެއް ދުވަހެވެ. ދުވަހުގެ އުފާ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ އުމުރު ދޮށީ މީހާއަށްވެސް އިޙްސާސްކުރެވޭ މުސްލިމުންގެ މާތް މުނާސަބާއެކެވެ.

ރަމަޟާން މަހުގެ ރޯދައަށްފަހު ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޢިޢުލާން ކުރާ ހިސާބަކީ ޢީދުދުވަހުގެ އެކި އެކި ހަރަކާތްތައް ރަސްމީކޮށް ފަށާ ވަގުތެވެ.

ނަމަވެސް ޝައްވާލް މަހުގެ ހަނދު ބެލުމަށް ތައްޔާރުވުމަކީވެސް އިހުގައި ދިވެހިންގެ ތެރޭގައި ކުރަމުން އައި ކަމެކެެވެ. އެއިރަކީ ފޯނާއި އިންޓަރނެޓްގެ ޒަމާނެއް ނޫނެވެ. އަދި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްވެސް އޮތް އިރެއް ނޫނެވެ. އެހެންކަމުން ގިނަ ރަށްތަކުގައި ހަނދުބެލުމުގެ ކަންކަން ކިރަނީ ރަށުގެ ރައްޔިތުން ނުކުމެއެވެ.

ހަނދު ބެލުމަށް ތައްޔާރުވުމަށް އޭރު ކުރާ އެންމެ މަޖާ އެއް ކަމަކީ އަމްބަލަށް ހެދުމެވެ. އަންބަލަމަކީ ބޮޑު ވެލިފުންޏެކެވެ. ވެލިފުނީ ގެ ވަށައިގެން އެކި ކަހަލަ ކާއެއްޗެހި ބެހެއްޓުމާއި، މާފަދަ ތަކެތިން އަމްބަލަން ޒީނަތްތެރިކުރެއެވެ. އަންބަލަމުގައި އާއްމުންކޮށް ހަރުކޮށްފައިވަ ހުންނަނީ މޭވާއާއި، އީދު ހަދިޔާ މި ކިޔާ އުފެއްދުންތަކެވެ. އަންބަލަން އާއްމުކޮށް އެޒަމާނުގައި ކޮންމެ ގެއެއްގަވެސް ހަދައެވެ. މިކަމުގައި ގިނައިން އުޅެނީ ކުޑަ ކުދިންނެވެ. އެކުދިން މިކަން ކުރަނީ ބޯޑެތި މީހުން ހަނދު ބެލުމަށް ކުރާ މަސައްކަތުގައި ބައިވުރިވުމުގެ ގޮތުންނެވެ. ކުޑަކުދިން ހަނދު ހޯދަނީ އަންބަލަން ކައިރީ ތިބެގެންނެވެ.

ހަނދު ފެނުމާއިއެކު ޢީދުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ފެށިގެންދެއެވެ. ފުރަތަމަ ކަމަކަށް އަންބަލަމުގެ ވަށައިގެން ހުންނަ އެކި ކާތަކެތި ކައި، އެންމެން އެކުވެ އުފާ ފާޅުކުރެއެވެ.

ހަނދު ފެނުމުން ކުރާ ފުރަތަމަ ކަމަކީ އެކަން ރަށުގެ ރައްޔިތުންނަށް އެންގުމަށް ސަންގު ފުމުމެވެ. ސަންގާއިއެކު އީދު އުފާ ފެށިގެންދެއެވެ. އެގޮތުން ކައިރީގައިވާ ރަށްރަށަށް އެކަން އެންގުމާއި، އަދި ކުޅިވަރެއްގެ ގޮތުން އީދު ބަޑި ނުވަތަ މިހާރު ކިޔާގޮތުންނަމަ އީދު ފުނި ރޯކޮށް ހަދައެވެ. މިއީ ރޯ ފަތާއި ފަން ބޭނުންކޮށްގެން، އުސްކޮށް ހަދާފައި ހުންނަ ފުންޏެކެވެ. އީދުފުނި ތައްޔާރުކޮށް އާއްމުކޮށް ރޯކުރެވޭ ވަރުވަނީ ފަތިސް ވަގުތާއި ގާތްވެފައި ވަނިކޮށެވެ.

އާދަކާދައިގެ މަތިން ޢީދުގެ އެންމެ އިސްކަމަކީ ޢީދު ނަމާދެވެ. ޢީދުދުވަހަސް އާ ހެދުން ހޯދުމާއި، ގަހަނާ ހޯދުމަކީ އެމީހެއްގެ ފޯރުންތެރިކަން ހުންނަ މިންވަރުން ކުރަމުން އަންނަ ކަމެކެވެ.
އެންމެ ކުރީޒަމާނުގައި ނަމާދަށް ފަހު ދެން އޮންނާނީ ހެނދުނަށް ޚާއްސަ ޢީދު ސައިގެ ކަންތައްތަކެވެ. އީދަށް ސަޔަށް ޚާއްސަކޮށް ތަފާތު ފޮނި އަދި ކުޅި ހެދިކަޔާއި، ރިހަގަނޑު ތައްޔާރުކިރެއެވެ. އަދި ކައްކާ ތަކެތި އާއިލާގެ ގެތަކާއި އަވައްޓެރިންނަށް ބެހުމަކީވެސް ދިވެހިންގެ ރީތި އާދަތަކުގައި ހިމެނޭ ކަމެކެވެ. އީދު ކެއުންތައް ބައެއް ރައްތަކުގައި އެންމެ އެކުވެގެން ކައްކާ ކައި ހަދައެވެ.

ކެއުމުގެ ކަންކަން ނިމުމާއިއެކު ކުޅިވަރުގެ އެކި ހަރަކާތްތައް ފަށައެވެ. އޭރު އާއްމުކޮށް މިފަދަ ކުޅިވަރުތައް ކުޅެ އުޅުނީ އަންހެނުންނާއި ފިރިހެނުން ވަކި ގްރޫޕްތައް ހަދައިގެންނެވެ. އެގޮތުން ފަންކުޅުމާއި، ވާދެމުމާއި، ބަތްދަނޑިފަދަ ކުޅިވަތުތައް ކުޅެއެވެ.
އަދި މާލީގެ ކުޅިވަރަކީވެސް ބައެއް ރަށްތަކުގައި ފޯރިއާއިއެކު ކުރާ ކަމެކެވެ.

ފިތުރު ޢީދަކީ މާބޮޑު ނެށުންތަކެއް ބާއްވާ ޢީދެއް ނޫނެވެ. ނަމަވެސް ބައެއް ރަށްރަށުގައި ސަޤާފީ ކުޅިވަރުތައް ކުޅެހަދައެވެ.

މީގެ 50އަކަށް އަހަރާއި އަޅާ ބަލާއިރު ޢީދު ފާހަގަކުރާ ގޮތަށް ބޮޑެތި ބަދަލުތައްވަނީ އައިސްފައެވެ. ޢީދުގައި ކުޅޭ ކުޅިވަރުތަކާއި ހަރަކާތްތައް އިތުރުވެފައި ފޯރިވެސް ގަދަވާން ވަނީ ފަށާފައެވެ.

އެގޮތުން އާއްމުކޮށް ބޮޑު ޢީދުގައި ކުޅޭ، ފެންކުޅީގެ ފޯރި މިހާރު ކުޑަ ޢީދުގައިވެސް މަޑެއް ނޫނެވެ. ޢީދު ދުވަހުގެ ހެނދުނުގެ ސައި ނިންމާ ކުދިބޮޑު އެންމެން މަގުތަކަށް ނިކުމެ އެކަކު އަނެކަކު ގަޔަށް ފެންޖެހުމުގެ އިތުރުން، ކުލަ ޖެހުމުގެ ފޯރިވެސް އަންނަނި ގަދަވަމުންނެވެ.

ފެންކުޅިއަށްފަހު ދެން ފަށަނީ އެކި ކަހަލަ ކުޅިވަރުތަކާއި، ސަގާފީ ހަރަކާތްތަކެވެ. އެގޮތުން މާލި ނެރުމާއި، ބޮޑުމަސް ކުޅުމާއި، މަށި ޕެރޭޑުގެ ކުޅިވަރުތައްވެސް އަނެއްކާވެސް މިވަނީ އާލާވާން ފަށާފައެވެ.

މީގެއިތުރުން އެންމެނަށް ބައިވެރިވެވޭގޮތަށް ކުޅޭ ކުޅިވަރުތަކާއި، އަދި އެކިއެކި ކުޅިވަރު މުބާރާތްތައްވެސް ކުޑަ ޢީދުގައި ބާއްވައެވެ. އަދި ބޮޑުބެރުގެ މަގުބޫލުކަން ދިވެހިންގެ ތެރޭގައި އިތުރުވެ، ބޮޑުބެރާއިި، ސަގާފީ ނެށުންތަކާއި، ލަވަޔާއި އެކި ޝޯވތައްވެސް މިހާރު ބައްވަމުންއާދެއެވެ. ކޮންމެއަކަސް ފިތުރު ޢީދުގައި ކުޅެ އުޅުނު އެކި ކަހަލަ ކުޅިވރުތަކާއި، އަލްޙާ ޢީދާއި މިހާރު މާބޮޑު ތަފާތެއް ފެންނާކަށް ނެތެވެ.

ޢަދި އެހާރާއި މިހާރު ފިތުރު ޢީދު ފާހަގަކުރަމުން އަންނަ ގޮތް ތަފާތުވިނަމަވެސް، މިއިން ކޮންމެ ފާހަގަކުރުމަކުންވެސް ރަމްޒުކޮސްދެނީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އަދި ފެނިގެންދަނީ ޖީލު ބަދަލުވި ނަމަވެސް ކާބަފައިގެން އާދަތަކަށް މިހާރުވެސް ދިވެހިންގެ ޝައުގު ހުރި މިންވަރެވެ.