ޚަބަރު

ޢީދު ފާހަގަ ކުރުމަށް މާލެ ސިޓީގައި ކުލަގަދަ ޙަރަކާތްތަކެއް ކުރިއަށް ގެންދަނީ


މާލޭގެ ތޮއްޖެހިފައިވާ މާހައުލު ދޫކޮށް ޢީދު ބަންދުގައި ގިނަ ޢާއިލާތައް މާލެ ދޫކޮށް އެކި ރަށްރަށަށް ދަނީ ސަބަބެއް ނެތިއެއް ނޫނެވެ.

އެކި ކުޅިވަރުތަކާއި ފޯރިގަދަ އެތަކެއް ޙަރަކާތްތަކާއެކު ޢިދުގެ ފޯރި އެންމެ ބޮޑަށް ފެނިގެންދަނީ އެކި އަތޮޅުތަކުގެ ރަށްތަކުންނެވެ. ނަމަވެސް މިފަހަރު މާލޭ ސިޓީގައި މިވަނީ މިކަން ބަދަލުކޮށް މާލޭގައި ތިބި އާންމުންނަށްވެސް އީދުގެ ފޯރިއާއެކު ޢާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުން ބަދަހިކުރެވޭނެ ފޯރިގަދަ ޙަރަކާތްތަކަކާއެކު ޢީދުގެ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައެވެ.

ފިތުރު ޢީދުގެދުގެ ފޯރި މާލެއިން ފެންނަ މިންވަރު ކުޑަ ނަމަވެސް ފަހަކަށް އައިސް ބައެއް އަވަށްތަކާއި، އަދި ބައެއް ޖަމްޢިއްޔާތަކުގެ އިސްނެގުމާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ޢީދުގެ އުފާފާޅުކުރުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ.

އެގޮތުން މިއަހަރުވެސް ޢީދު ދުވަހު މާލޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސީޓީކައުސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ، ތުއްތު ކުދިންނާއި، ޒުވާނުންނާއި، އަދި ހުރިހާ އުމުރުތަކަށް ޚާއްސަކޮށްގެން އެކި ކަހަލަ ހަރަކާތްތައް ހިންގުމަށް ކައުންސިލުގައި ގިނަ ފަރާތްތަކަކުން މިހާރުވެސް އެދިފައިވާކަމަށެވެ.

ފިތުރު ޢީދާއި ގުޅިގެން މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ދުވަހު ހެނދުނު ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެސްޓިވަލެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގެ ތެރެއިން ކުޑަކުދިންނަށް ކުރިއަށްގެންދާ ކުޅިވަރުތަކާއި، އަދި ފެންޖުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ފެސްޓިވަލް އޮންނާނީ ޢީދު ދުވަހު ހެނދުނު ހެންވޭރު ދަނޑުގައެވެ.

މީގެއިތުރުން ޒުވާނުން އެންމެ ބޮޑަށް ފޯރިނަގާ ފެންޖެހުމާއު ކުލަޖެހުން ޢީދު ދުވަހު މެންދުރު މާލޭގައި އެކި ސަރަޙައްދުތަކުގައި އޮންނާނެއެވެ. މި ހަރަކާތުގައި އެންމެންނަށްވެސް ބައިވެރިވެވޭނެއެވެ.

ޢީދު ދުވަހު ހަވީރު މާފަންނުގެ ރައްޔިތުން ރާވައިގެން ބާއްވާ ސަޤާފީ ހަރަކާތެއް އޮންނާނެއެވެ. މި ހަރަކާތުގައި އެންމެ ކުރީ ޒަމާނުގެ ގޮތަށް މާލި ނެރުމުގެ ކުޅިވަރު އޮންނާނެއެވެ. މި ހަރަކާތް ފަށާނީ ޢީދު ދުވަހު ހަވީރު 4:30ގައި ސޯޝަލް ސެންޓަރ ކުރިމަތިންނެވެ.

އަދި ޢީދު ދުވަހު ރޭގަނޑު ސަގާފީ ކުޅިވަރުގެ ހަރަކާތެއްވެސް މާފަންނުގައި އޮންނާނެއެވެ. މި ހަރަކާތުގައި ދިވެހިންގެ ފަތިގަނޑާއި، ތާރަޖެހުމާއި، އަދި އިތުރު ސަގާފީ ހަރަކާތްތައްވެސް އޮންނާނެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޢީދު ކުޅިވަރުތައް ކުލަގަދަކޮށް ފާހަގަކުރާނެއެވެ. އެގޮތުން އަމިއްލަ ފަރާތަކުން އިސްނަގައިގެން، ކުޅިވަރު ފެސްޓިވަލެއް ގޮތަށް ބާއްވާ ހަރަކާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގެ ތެރެއިން ފެންކުޅިއާއި، ވާ ދެމުމާއި، މޫދުކުޅިވަރުފަދަ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހު ހެނދުނުއެވެ.

ޢީދުގެ މިފަދަ ހަރަކާތްތަކަކީ އެކަކު އަނެކަކަށް ފެނިދެނިވެ، އެކަކު އަނެކަކުގެ ގުޅުން ބަދަހުކުރުމަށް ކުރެވޭ މުހިންމު ކަމެކެވެ.