ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިފަހަރުވެސް ރާއްޖެއަށް ޝަރަފްވެރި އެވޯޑްތަކެއް


ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ފާހަގަކުރާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފްވެރި ތިން އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑް ހަފްލާ ކަމަށްވާ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާ ހަފްލާގައި ރާއްޖެއަށް ލިބިފައިވާ ތިން އެވޯޑަކީ، އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ބީޗު ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އިންޑިއަން އޯޝަންސް ލީޑިންގ ބީޗު ޑެސްޓިނޭޝަން ނުވަތަ އެންމެ ހިތްގައިމު ގޮނޑުދޮށްތަކުގެ މަންޒިލް އެވޯޑު ހޯދަމުން އައިސްފައިވަނީ ރާއްޖެއިންނެވެ. އަދި ފާއިތުވި ހަތަރު އަހަރުވެސް އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑްވެސް ހޯދާފައިވަނީ ރާއްޖެއިންނެވެ. އަދި މީގެ ކުރިން 4 ފަހަރެއްގެ މަތިން ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑްވެސް ހޯދާފައެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ބާއްވާފައިވަނީ ޖޫންމަހުގެ އެއްވަނަ ދުވަހު މޮރިޝަސްގައެވެ.