ޚަބަރު

މޯދީ ވަޑައިގަންނަވާ ދުވަހު މާލޭގެ ދެ ސަރަޙައްދެއް ބަންދުކުރާނެ


އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާތީ މިމަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު މާލޭގެ ބައެއް ސަރަަޙައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން 9 ވަނަ ދުވަހުގެ ހެނދުނު 08:30 އާއި 10:00 އާ ދެމެދު ސިނަމާލެ ބްރިޖް ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ހަމަޖެއްސުމަށް 8 ވަނަ ދުވަހުގެ 12:00 އިން ފެށިގެން ގްރީން ޒޯން ހިމެނޭ ސަރަޙައްދު ބަންދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެޑް އޮފް މާލޭ ޕޮލިސް، މޫސާ ޢަލީ ވިދާޅުވީ ބަންދުކުރުމަށް ހަމަޖެހިފައިވަނީ ސޯސަން މަގުން ފެށިގެން މަޖިލިސް ހިމެނޭގޮތަށް ސޯލްޓް ރެސްޓޯރަންޓާއި ހަމައަށްވާ ސަރަޙައްދެވެ.

"ފަހުން އަންގާނެ ބަންދުުކުރާ މަގުތަކާއި، ގަޑިތަކުގެ ތަފްސީލް. ޗާޓުތައް ބޭނުންކޮށްގެންވެސް މަޢުލުމާތު ދޭނެ" ހެޑް އޮފް މާލޭ ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ މޯދީގެ މިދަތުރުފުޅު ރަސްމީކޮށް އިޢުލާން ކުރަންވާފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން އިންޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.