ސިޔާސީ

އެއްވެސް ބޭންކެއްގައި ޙައްޤުނޫން ފައިސާއެއް ނުހުންނާނެ - ފަނޑިޔާރު ޢަބްދުﷲ ދީދީ


ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެއްގެވިކަމަށް ކުރާ ތުހުމަތުތައް ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ދޮގުކުރައްވައިފިއެވެ.

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް އެޖެންޑާކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިއްޔެ ވަނީ ހުށައަޅާފައެވެ. ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން ސުޕްރީމްކޯޓްގެ ބެންޗުގައި މިހާރު ހިމެނިވަޑާއިގަންނަވާ އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައެއްކަމަށް ބުނެ އެވާހަކަތައް ވަނީ މީޑިއާގައި ރިޕޯޓްކޮށްފައެވެ.

އެ ހަބަރުތަކާއި ގުޅީގެން މީޑިއާއަށް ފާޑު ވިދާޅުވެ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ވަނީ ކޮންމެ އިންސާނެއްގެ ރީތި ނަމާއި އަބުރު ރައްކާތެރިކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްޤެއް ކަމަށެވެ. އަދި އަނެކުންގެ އަސާސީ ޙައްޤުތަކަށް އިޙްތިރާމު ކުރުމަކީ އެންމެންގެ އޮތް ދުސްތޫރީ ވާޖިބެއް ކަމަށެވެ. ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ޖިނާޢީ ތުހުމަތެއް ކުރެވޭނީ ތޯތޯ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރެގެން ކަމަށެވެ.

އަބުރު ކަތިލާ ނޫސްތަކުގައި ލިޔެފައިވާ ލިޔުމަކީ ކަމުގެ ދެކޮޅު ނުބަލާ ކޮށްފައިވާ ވަރަށް ޣައިރު ޒިންމާދާރު ޢަމަލެއް ކަމަށްވެސް ފަނޑިޔާރު އަބްދުﷲ ދީދީ ނެރުއްވި ބަޔާނުގައިވެއެވެ.

"ބޭންކް އެކައުންޓުތަކަށް ފައިސާ ޖަމާކުރުން ފަދަ މުޢާމަލާތްތަކަކީ އެކަމުގެ ފުރިހަމަ މަޢުލޫމާތު ބޭންކުތަކުން ބަލަހައްޓާ ކަންތައްތައް ކަމަށާއި ދަޢުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެ މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތަކީ ލިބޭނެ މަޢުލޫމާތުތެއް " ފަނޑިޔާރު އަބްދުﷲ ދީދީގެ ބަޔާނުގައިވެއެވެ.

ކޮންމެ މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވޭ ކަންކަމުގައި ޖަވާބުދާރީވުމުގެ ފުރުޞަތަކީވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށާއި ނަމަވެސް ނޫސްތަކުގައި ލިޔެ ޝާޢިއު ކޮށްފައިވާ ޚަބަރަކީ އެފަދަ އެއްވެސް ފުރުޞަތެއް ނުދީ އަބުރާއި ނަން ކިލަނބުކޮށްލުމަށް ކުރެވުނު އަދި ގާއިމްވެފައިވާ އިންސާނީ ޙައްޤުތަކުގެ އުޞޫލުތަކާއި ނުބައްދަލު ހުތުރުކަން ބޮޑު ޢަމަލެއް ކަމަށްވެސް ދީދީގެ ބަޔާނުގައިވެއެވެ.

" ވީމާ ނޫސްތަކުގައި ފަތުރަމުންދާ ހަޤީާތާ ޚިލާފު ވާހަކަތައް ދޮގުކޮށް، ޚައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެމެވެ،" އަބްދުﷲ ދީދީ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ކުރިމިނަލްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލެހެއްޓެވި ފަނޑިޔާރެވެ. އަދި އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް އާމަޒުވިއެވެ. އަދި އެ މައްސަލަ ނިމުނުތާ މާ ގިނަދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަންކޮށްފައެވެ.