ޚަބަރު

ދަރުމަވަންތަ ހިންގުން އެހެން ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތް - އައިޖީއެމްއެޗް


ދަރުމަވަންތަ ހޮސްޕިޓަލްގެ ހިންގުން އެހެން ބަޔަކާއި ހަވާލުކުރުމުގެ ވިސްނުން ސަރުކާރުގެ ނެތްކަމަށް އައިޖީއެމް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްގެންދިޔަ ކޮންޓްރެކްޓަރު މިހާރު އެހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލާ ހަވާލުކޮށްފައިވާކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ޚިދުމަތާ ގުޅުވައިގެން ހަދާފައިވާ ދަރުވަމަ ކޮމްޕްލެކްސްގެ ޢިމާރާތުގެ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ އައިޖީއެމް ހޮސްޕިޓަލްގެ ބައެއް ޑިޕަރޓްމަންޓްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ހޮސްޕިޓަލްގެ ޚިދުމަތައް ޕްލޭނާ އެއްގޮތަށް ކުރިއަށް ނުގެންދެވި ލަސްވަމުންދަނީ އިމާރާތުގެ ފަރުމާގައި ހުރި ބައެއް ބޮޑެތި މައްސަލަތަކާއި ގުޅިގެންކަމަށާ، ޚިދުމަތްތައް ފެށުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށެވެ.
ސަލީމް ވިދާޅުވީ ކުރިން ދަރުމަވަންތައިގެ މަސައްކަތް ކުރި ކުންފުނިން އެތަނުގެ ވަސީލަތްތައް ރާވާފައިވާ ގޮތުން އެއްވަނަ ފަންގިފިލާގައި އެކިއެކި ތަޙްލީލްތައް ހެދުމަށް ހަދާފައިވާ ރޭޑިއުލިޖީ ޑިޕަރޓްމަންޓުގައި ހުރި ރޭޑިއުލޮޖީ އިކުއިޕްމަންޓްތަކުން ރޭޑިއޭޝަން ލީކުވަމުންދާކަމަށެވެ.

މިޑިޕަރޓްމަންޓަކީ ދަރުމަވަންތައި އެންމެ ފުރަތަމަ ޚިދުމަތް ފެށުމަށް ނިންމި އެއް ޑިޕަރޓްމަންޓެވެ. ނަމަވެސް މިކަން އަލުން ރަނގަޅުކޮށް ޚިދުމަތް ފެށުމަށް ގިނަ ދުވަސްތަކެއް ނަގާނެކަށް ސަލީމް ވިދާޅުވިއެވެ. މީގެއިތުރުންވެސް ޑެންޓަލް ޑިޕަރޓްމަންޓްގައި ހުރި ކޮޓަރިތަކުގެ ޖާގަ ކުޑަކަމުގެސަބަބުން އިކުއިޕްމަންޓް ނުވެއްދި، އެތަންތަން އަލުން ފަރުމާކޮށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ހޮސްޕިޓަލްގެ 17އާއި 18އާއި 19ވަނަ ފަންގިފިލާގައި ހަދާފއިވާ ޑިލަކްސް ކޮޓަރިތަކަކީވެސް އާއްމު ޚިދުމަތެއް ދިނުމަށް ހެދި ހޮސްޕިޓަލަކާ އަޅާބަލާއިރު، ހެޔޮ އަގެއްގައި ކުއްޔަށްދެވޭނެ ތަންތަނެއް ނޫންކަމަށެވެ.

"ލަގްޒަރީ ރޫމްތައް، ބޮޑެތި ކޮޓަރިތައް މިއީ، ލިވިނގް ރޫމް އެބަހުރި، ވަކިން ޕޭޝަންޓް ބާއްވަނީ، ވަރަށް އަގުބޮޑުކޮށް ދެވެން ހުރީ. އަޅުގަނޑުމެން ބެލީ އެތަނަށް މޮޑިފައިކޮށްގެން ބަދަލުގެނެވޭތޯ، އެކަމަކު އެކަމުގައި ބޮޑެތި ޗެލެންޖްތައް އެބަހުރި." ސަލީމް ވިދާޅުވިއެވެ.

ސަމީލް ވިދާޅުވީ ހޮސްޕިޓަލަށް ގެންނަ ބަދަލުތަކަށް ޚަރަދުކުރާނީ ކޮންޓްރެކްޓަރުތޯ ނުވަތަ ސަރުކާރުންތޯ އަދި ނިންމާފައި ނުވާކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ ފަންގިފިލާތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނިމުނު މެއި މަހުވަނީ އިތުރު 5 ޚިދުމަތެއް ދަރުމަވަންތައަށް ބަދަލުކޮށްފައެވެ.

ބަދަލުކުރި ޚިދުމަތްތަކުގެ ތެރޭގައި ހަމުގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ޑަޔަޓީޝަން ކޮންސަލްޓޭޝަނާއި އެތެރެހަށީގެ ޚާއްސަ ބަލިތަކާއި ކުޑަކުދިންގެ ޚާއްސަ ބަލިތަކުގެ އޯޕީޑީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލްގެ 2އާއި 3އާއި 5ވަނަ ފަންގިފިލާއަށްވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން އޭޕްރިލްމަހުން ފެށިގެން މިހާތަނަށްވަނީ ފިޒިއޮތެރަޕީއާއި، ސްޕީޗްތެރަޕީ ޚިދުމަތައްވެސް ދަރުމަވަންތައަށް ބަދަލުކޮށްފައެވެ.
ދަރުވަމަވަންތަ ހޮސްޕިޓަލަކީ 2.2ބިލިއަން ޚަރަދުކޮށްގެން ހަދާފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލާއިއެކު އައިޖީއެމްގެ ޚިދުމަތް 500އެނދަށް ބަދަލުވާނެއެވެ.